ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ސްރީލަންކާގެ ރިޔާސީ އަދި މަޖިލިސް އިންތިޚާބުގެ ކާމިޔާބީއަށް މަރުޙަބާ ދަންނަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ސަލާމް އަރިސްކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ފާއިތުވި ދަހަރުތަކުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް، ޚާއްޞަކޮށް ތަޢުލީމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ސްރީލަންކާއިން ފޯރުކޮށްދެއްވާފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޝުކުރު ދަންނަވައިފައެވެ. އަދި ދިވެހީންގެ ބޮޑު އާބާދީއެއް ސްރީލަންކާގައި ދިރިއުޅެމުންދާކަން ފާހަގަކުރައްވައި، އެކަމުގައިވެސް އެ ޤައުމުގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖެއާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ސްރީލަންކާގެ ސަރުކާރުން ތައްޔާރުކަން ކަށަވަރުކޮށްދެއްވައިފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ އާއި، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދާއި، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ އާމިނަރު ޢަބްދުﷲ ދީދީ އާއި، ޑެޕިއުޓީ ހައި ކޮމިޝަނަރ ފާޠިމަތު ޣިނާ އަދި ސެކަންޑް ސެކްރެޓަރީ އާމިނަތު ވަރުދާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން