ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، އިބްރާހީމް ފަލާޙްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އިބްރާހީމް ފަލާޙްއާއެކު ބައްދަލު ކުރައްވާފައި.
މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި…
— Heena Waleed (@MvSpokesperson) February 20, 2025
މި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަން ހުރި ބިލުތަކާ ބެހޭގޮތުން ކަމަށެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
މިއީ ފަތުރުވެރިކަމާ ބެހޭ ވަޒީރަކަށް ހުންނެވި ޢަބްދުއްރަޙީމްގެ ދަރިކަލުން، އިބްރާހީމް ފައިޞަލް، ޖަނަވަރީ 28 ވަނަ ދުވަހު އެ މަޤާމުން ވަކިކުރެއްވި ފަހުން ރައީސާއި ޢަބްދުއްރަޙީމް ބައްދަލުކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ފައިސަލް މަޤާމުން ވަކިކުރެއްވި ދުވަސްވަރު، ރައީސާއި ޢަބްދުއްރަޙީމާ ދެމެދު ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތައް އެރިއެވެ. އަދި މަޖިލީހުގެ ރައީސްކަމުން ޢަބްދުއްރަޙީމް ވަކިކުރަން އުޅޭ ކަމުގެ ޚަބަރުތައްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް، އެފަދަ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން