މިސްކިތް އެޅުމުގެ 41 މަޝަރޫޢެއް ސަރުކާރުން ކުރިއަށް އެބަގެންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލްމިޑިއާގައި ކުރެއްވި ޕޯސްޓްެގައި ވިދާޅުވީ މިއަހަރު މިހާރު އަލަށް 6 މިސްކިތެއް އަޅަން ފަށާނެކަމަށެވެ. އަދި މިހާރު ކުރިއަށް ދާ 35 މިސްކިތް އަޅަމުން އެބަގެންދަވާ ކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ފަރާތްތަކުގެ އެހީގައި އަޅާ 12 މިސްކިތް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ 42 ރަށެއްގައި މިސްކިތް އަޅަންޖެހޭ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
" އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް އެބަ ކުރިއަށްދޭ. މީގެ އިތުރުން ރާއްޖޭގެ 42 ރަށެއްގައި މިސްކިތް އަޅަން އެބަޖެހޭ" މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މިިނިސްޓަރ ވިދާޅުވީ އަލަށް އަޅާ މިސްކިތް ތަކުގައި ސޯލާ ވެސް ހަރުކުރެވޭނެކަމަށެވެ.
ރައީސްގެ @MMuizzu ވައުދާ އެއް ގޮތަށް އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައި 2025 ގައި އަލަށް އިމާރާތްކުރެވެ މި މިސްކިތްތައް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ. pic.twitter.com/GEOaSi9Hvo
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 19, 2025
އަލަށް މިއަހަރު މިސްކިތް އިމާރާތްކުރެވޭ ރަށްރަށުގެ ތެރޭގައި އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައި ހިމެނެއެވެ. މި މިސްކިތްތައް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށާއި މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މަޝްރޫޢުތަކުގެ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފެށިގެންދާނެ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތްތަކެވެ.
މި ލިޔުން ކިޔާލުމުން