ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް މި ވަގުތު އެކަން ކުރެވެން ނެތް ކަމަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން ވަނީ އެ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅާފައިވާ މަައްސަލައާއި ގުޅޭގޮތުން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީން ނިންމީ މިހާރު ގާނޫނު އޮތް ގޮތުން ރައީސް ނިންމެވި ގޮތަށް މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ލަފާދޭށެވެ. އެ ގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާޢީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު އެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން މުސާރަތައް ކުޑަކުރަން ރައީސް ނިންމަވާފައިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގެ ތެރެއިން މުސާރަ 15000 ހަށް ވުރެ މަތީބޭފުޅުން، މިނިވަން މުއައްސަސާތަކުގެ އިސްވެރިން، ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރުމެވެ.
މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގިނަވެގެން ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމުގެ އިތުރުން ރައީސްގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ވަނީ ނިންމަވާފައެވެ.
ކޮމިޓީން ވަނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު އެ ހުށަހެޅުން ހުށަހެޅުއްވުމަށް ލަފާދޭން ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން