އަންނަ ހޯމަ ދުވަހު ސައުދީ އަރަބިޔާގެ ޖިއްދާގައި ރަޝިޔާގެ ރައީސް ވަލްޑަމިޔަރ ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައްދަލު ކުރާނެއެވެ.
ޔުކްރެެއިން ގައި ރަޝިޔާ އިން ފަށާފައިވާ ހަނގުރާމަޔަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބާއްވާ މި ބައްދަލު ވުން ތަކަށް ޔުކްރެއިންގެ ރައީސް ވަލްޑަމިޔަރ ޒެލެންސްކީ އަށް ދައުވަތު އަރުވާފައި ނުވާ ކަމަށް ކިއޭވް އާއި ހަވާލާދީ ބީ.ބީ.ސީ އިން ރިފޯޓް ކޮށްފައި ވެއެވެ.
އެހެން ނަމަވެސް މީގެ ކުރިން ތަކުރާރުކޮށް ޒެލެންސްކީ ވަނީ ޔުކްރެއިން އާއި ނުލައި ބާއްވާ މަޝްވަރާ ތަކަކުން ނިންމާ ނިންމުން ތަކަށް އިހްތިރާމް ނުކުރާނެ ކަމަށް ބުނެފައެވެ.
ޓްރަމްޕް ވެރިކަމާއި ހަވާލު ވުމަށް ފަހު އެމެރިކާ އިން ޔުކްރެއިން ހަނގުރާމަ އާއި ދޭތެރޭ ދެކޭ ގޮތް ވަނީ ވަރަަށްް ބޮޑަށް ބަދަލު ކޮށްފައެވެ.މި ގޮތުން ޔުކްރެއިން އަށް އެމެރިކާ އިން ދެމުން ދިޔަ ބިލިޔަން ޑޮލަރުގެ އެހީތައް ވެސް ވަނީ ވަގުތުން ހުއްޓާލާފައެވެ.
ސުލްހައިގެ ބައްދަލު ވުމުގެ ކުރިން މި ދިޔަ ބުދަ ދުވަހު ޕުޓިން ވަނީ ފޯނުން ވެސްް ޓްރަމްޕް އާއި ވާހަކަ ދައްކާފައެވެ.މި ކޯލުގައި 3 އަހަރުވީ ހަނގުރާމަ ހުއްޓާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވި، ސައުދީ އަރަބިޔާގެ ބައްދަލު ވުމަށް އިންތިޒާރު ކުރާކަމަށް ޓްރަމްޕް ބުނެފައިވެ އެވެ.މި އީ ފާއިތުވި 3 އަހަރު ތެރޭގައި ދެ ގައުމުގެ އެންމެ އިސްވެރިން މުހާތަބު ކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރައެވެ.ފޯނު ކޯލަށް ފަހު ޓްރަމްޕް ވަނީ ޔުކްރެއިން ނޭޓޯ އާއި ގުޅުމަށް ކުރަމުންދާ މަސައްކަތައް ފާޑު ކިޔާފައެވެ.
ބައްދަލު ވުމަށް މެދު އިރު މައްޗަށް ފުރުމުގެ ކުރިން އެމެރިކާގެ ޙާރިޖީ ވަޒީރު މާކް ރޫބިޔޯ ވަނީ މި ބައްދަލު ވުމަށް ފަހު ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަަށް ދެކެވޭ ވާހަކަ ތަކަށް އިންކާރު ކޮށްފައެވެ.
"އެންްމެ ބައްދަލު ވުުމަކުން މި ހައްސާސް މައްސަލަޔަށް ނިމުމެއް ނާންނާނެ، އެޔަށް ވުރެ ފުޅާކޮށް މަޝްވަރާ ކުރެވި ވަކި ފަރާތަކަށް ނުޖެހޭ ގައުމުތަކުގެ ހާޒިރު ގައި ދެކެވެން ޖެހޭ ވާހަކަ ތަކެއް މީ'' ރޫބިޔޯ ބުންޏެއެވެ.
މީގެ އިތުރުން ރޫބިޔޯ ވަނީ ރަޝިޔާ އިން ސުލްހައިގެ މޭޒަށް އައުން އެއީ މި ހަނގުރާމަ ނިންމާލުމަށް މުހިއްމު ކަމެއް ކަމަށް ބުނެފައެވެ.
ޓްރަމްޕް ހުވާ ކުރުމަށް ފަހު ޔުކްރެއިން އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ.މި ގޮތުން ހޮނިހިރު ދުވަހު ޒެލެންސްކީ ވަނީ އިތުރަށް އެމެރިކާ އާއި ނޭޓޯ އަށް ބަރޯސާ ވެވެން ނެތް ކަމަށް ބުނެ ޔޫރަޕިއަން އިއްތިހާދުގެ ލަޝްކަރެއް އުފެއްދުމަަށް ޔޫރަޕުގެ ގައުމު ތަކުގެ އިސްވެރިންނަށް ގޮވާލާފައެވެ.
އެމެރިކާ އަކީ ނޭޓޯގެ އެންމެ މުހިއްމު ބައިވެރިޔާ އެވެ.ޓްރަމްޕް ގެ ވެރިކަމުގެ ފުރަތަމަ ދައުރު ގައި ވެސް އެމެރިކާ، ނޭޓޯ އިން ވަކިވާން މަސައްކަަތް ކޮށްފައިވެއެވެ.އެމެރިކާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން މި ދައުރު ނިމުމުގެ ކުރިން ޓްރަމްޕް މި ނިންމުން ނިންމާނެ އެވެ.
ދުނިޔޭގެ މަސްރަަހު ވަރަށް ބޮޑަށް ބަދަލު ކޮށްލި ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގައި 68،000 މީހުން މަރުވެެފައިވާ ކަމަށް އ.ދ އިން ލަަފާ ކުރެއެވެ.އެހެން ނަމަވެސް، މި އަދަދު މިޔަށްް ވުރެ އިތުރު ވާނެ ކަމަށާއި ދެ ގައުމުން ވެސް ރަނގަޅު މައުލޫމާތު ހާމަ ނުކުރާ ކަމަށް އ.ދ އިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން