އިނގިރޭސި ލީގުގައި ރޭ މަންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލު ކުރި މެޗުން ޔުނައިޓެޑް ބަލި ވެއްޖެ އެވެ.
ސްޕާސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެއެވެ.
މެޗުގެ ހަމަ އެކަނި ގޯލު ފުރަތަމަ ހާފްގެ 13 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖޭމްސް މެޑިސަން އެވެ.ދެ ޓީމުގެ ފަރާތުންވެސް ގިނަ ފައުލް ތަކެއް ފެނުނު މި މެޗްގައި އަނިޔާގެ ސަބަބުން ދެ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިން ތަކެއް ފެނިފައެއް ނުވެ އެވެ.
މި ބައްޔާއި އެކު މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ ރެލިގޭޓް ވުމުގެ ބިރު ބޮޑު ވެފައެވެ.މި ވަގުތު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނަށްވުރެ 4 ދަރަޖަ މަތިން ޓޭބަލްގެ 14 ވަނައިގަ އެވެ.މިރޭ މޮޅުވި ސްޕާސް އޮތީ ޔުނައިޓެޑްގެ ފަހަތުން 27 ޕޮއިންްޓާއި އެކު 15 ވަނައިގަ އެވެ.
މެޗަށް ފަހު ޔުނައިޓެޑް ގެ ކޯޗު އަމޯރިމް ވަނީ، ހަވާލުވި އިރު އުއްމީދު ނުކުރާ ވަރަށް އޭނާގެ ވަޒީފާ އުނދަގޫ ކަމަށް ނޫސްވެރިންގެ ބައްދަލު ވުމުގައި އިއުތިރާފްވެފައެވެ.
"މެޗުގައި ވަރަށް ގިނަ ފުރުސަތު އަހަރެމެން ހޯދިން، އެކަމަކު ގޯލު ފެނުނީ އެ ޓީމުގެ ފަރާތުން، މިހާރު ޓީމުން ގޯލް ޖަހަން ފުރުސަތު އެބަ އުފައްދާ، އެ ވެސް ކުރި އެރުމެއް'' ޕޯޗްގަލް އަށް އުފަން ކޯޗު އިތުރަށް ބުންޏެއެވެ.
ދަށް ނަތީޖާތަކެއް ސްޕާސްގެ ފަރާތުން ފާއިތުވި ހަފްތާ ތަކުގައި ފެނުނު ނަމަވެސް ރޭގަ ހޯދި މޮޅާއެކު އެ ޓީމުގެ އޮސްޓްރޭލިޔާ ކޯޗު ޕޮސްޓެކޮގްލޯ އަށް ވަނީ ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބިފައެވެ.
"ކުޅުމާއި ދޭތެރޭ އެންމެ ހިތްހަމައެއް ނުޖެހޭ އެކަމަކު މުހިއްމު ކުޅުންތެރިން ނުލާ މޮޅުވުން އެއީ ޓީމުގެ އިތުބާރު ބޮޑުވާނެ ކަަމެއް" މެޗަށް ފަހު ޕޮސްޓެކޮގްލޯ ބުންޏެއެވެ.
ޔުނައިޓެޑަށް ލީގުގައި ކުރިޔަށް އޮތީ ރަނގަޅު ފޯމެއް ގައި އޮތް އެވަރޓަން މެޗް އެވެ.ޓޮޓްނަމް އަށް އޮންނާނީ މެންޗެސްޓަރ ސިޓީ އާއި ދެ ކޮޅަށް ކުޅޭ މެޗެއެވެ.
މި ލިޔުން ކިޔާލުމުން