ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
މިގޮތުން އިނާމު ދިނުމުގެ އުސޫލު ވަނީ މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ރައީސް އޮފީހުން ބުނީ މި އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި އެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އިނާމަށް ހުށަހެޅޭނީ، މިއަދުން ފެށިގެން 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް ކަމަށެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެމީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.
މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް، ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ފޮނުއްވާފައިވާ ކަމަށާއި، މިއަހަރު ފޮނުއްވީ 42 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު ކަމަށް ރައީސް އޮފީހުން ވަނީ މިދިޔަ ހަފުތާގައި ބުނެފައެވެ.
މިދިޔަ އަހަރު އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، 43 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުންނެވެ.
މި ލިޔުން ކިޔާލުމުން