ލަލީގާ ގައި ރޭ ރެޔަލް މެޑްރިޑް އަދި އެތްލެޓިކޯގެ މެޗްތައް އެއްވަރު ވެއްޖެއެވެ.
އެތްލެޓިކޯ މެޑްރިޑާ އާއި ސެލްޓަ ވިގޯ ބައްދަލު ކުރި މެޗް 1-1 އިން އެއްވަރު ވެގެން ނިމުނު އިރު ރެޔަލް މެޑްރިޑް އާއި އޮސަސޫނާ ބައްދަލު ކުރި މެޗް ވެސް ނިމުނީ އެ ނަތީޖާ އިންނެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ހާފްގެ 8 ވަނަ މިނިޓުގައި އެތްލެޓިކޯ ގެ ޕަބްލޯ ބަރިއަސް އަށް ރަތް ކާޑް ދެއްކުމުން މި މެޗު ގެ ބޮޑު ބައި އެތްލެޓިކޯ ފުރިހަމަ ކޮށްފައި ވަނީ އެއް ކުޅުންތެރިޔަކު މަދު ކޮށެއެވެ.ފުރަތަމަ ގޯލް 68 ވަނަ މިނިޓުގައި ޖަހައި ދިނީ ސެލްޓަ ވިގޯގެ ސްޕެއިން ފޯވާޑް އިއަގޯ އަސްޕާސް އެވެ.
އެތްލެޓިކޯ އަށް އެއްވަރު ކޮށްދިނީ މެޗް ނިމެމުން ދަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތްް ނޯވޭގެ ފޯވާޑް ސޯލާތް އެވެ.
ރެޔަލް މެޑްރިޑް މެޗުގައި ވެސް ވަނީ ރަތްް ކާޑެއް ފެނިގެން ގޮސްފައެވެ.ރެފްރީ އާއި ހަޑި ހުތުރު ބަހުން މުއާމަލާތް ކޮށްގެން މެޑްރިޑްގެ ޖޫޑް ބެލިންހަމް އަށް 39 ވަނަ މިނިޓުގައި ރަތް ކާޑް ދެއްކުމުން ފަހު ހާފް ރެޔާލުން ވެސް ފުރިހަމަ ކުރީ ކުޅުންތެރިޔެއް މަދު ކޮށެއެވެ.މި ކާޑާއި ދޭތެރޭ ރެޔަލް މެޑްރިޑް ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރިއެވެ.
އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ރެޔަލް މެޑްރިޑް އަށް ގޯލެއް ޖަހައިދީ ލީޑު ނަގައި ދިނެއެވެ.އޮސަސޫނާ ގެ ގޯލަކީ ރެޔަލް މެޑްރިޑްގެ އަންޓެ ބުޑިމިއަރ އަަތުން ބައި ކޮޅަށް ފަހު ހާފުގައި ވަން ގޯލެއެކެވެ.
މި ނަތީޖާތަކާއި އެކު 24 މެޗުން 51 ޕޮއިންޓް ހޯދައިގެން ރެޔަލް މެޑްރިޑް އޮތީ ތާވަލުގެ އެއްވަނައިގަ އެވެ.ނަމަވެސް، މިރޭ ބާސަލޯނާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޕޮއިންޓްގެ ގޮތުން ރެޔާލް އާއި އެއްވަރު ވެ ގޯލުގެ ތަފާތުން ކުރި ލިބޭނެއެވެ.
އެތްލެޓިކޯ އޮތީ 50 ޕޮއިންޓާއި އެކު ދެ ވަނައިގައި އެވެ.
ލަ ލީގާ ގައި ފަހުގެ ތާރީޙެއްގައި ފެނުނު އެންމެ ވާދަވެރި ލީގު ރޭހުގައި ބާސަލޯނާ އާއި ރެޔާ ވަޔަކޯނާ ބައްދަލު ކުރާ މެޗް މިރޭ ކުޅޭނެއެވެ.ބާސާ އަމިއްލަ ދަނޑުގައި މި މެޗް އޮންނާނީ މާލޭ ގަޑިން މިރޭ ދަންވަރު 1 ޖަހާއިރު އެވެ.
މި ލިޔުން ކިޔާލުމުން