ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް އަލާފައިވާ ފިޔަވަުތަކުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމުން ރޭ ގެނެސްދިން "އަހާ" ފޯރަމްގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރުގައި މިހާރު އަގު ދަށަށް ދާން ފަށާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއީ ޑޮލަރުން ލިބޭ އަމްދަނީން ބައެއް ބޭންކްތަކަށް މާރުކުރުމަށް ލާޒިމް ކުރުން ކަމަށާއި، ޑޮލަރުގެ މައްސަލައަށް ސަރުކާރުން ކުރަމުންދާ މަސައްކަތުން ފުރިހަމަ ހައްލު ލިބޭނެ ކަމަށެވެ.
"މިހާރު ބްލެކްމާކެޓުގައި ވެސް ޑޮލަރު އަގުތަައް ދަށަށް ދާކަން، އެއީ މިހާރު ޝައްކެެއް ވެސް ނެތް އެންމެނަށް އެނގޭ ކަމެއް،" މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މި ރަމަޟާން މަހު ރާއްޖެއިން އުމްރާއަށް ދާ މީހުންގެ ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓަށް 1،500 ޑޮލަރު އިތުރުކޮށްދޭން ނިންމައި، ނިންމު ނިންމުމަކީ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
ޑޮލަރުގެ މައްސަލައާއި ގުޅޭގޮތުން މިނިސްޓަރ ސައީދު ވެސް ވަނީ ރޭ ވާހަކަފުޅު ދައްކަވާފައެވެ. ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލައިގައި، ކުރީގެ އެއްވެސް ސަރުކާރަކުން ސީދާ މައްސަލައާ ކުރިމަތިލައި، އެ މައްސަލައިގެ ތެރެއަށް ވަދެ ޙައްލުކުރަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
ރާއްޖޭގެ މިދިޔަ ހުރިހާ ވެރިކަމެއްގައި މި މައްސަލަ އޮތް. އެހެންނަމަވެސް މި މައްސަލައާ ސީދާ ޑީލުކުރައްވައި އެ މައްސަލައިގެ ތެެރެއަށް ވަދެ އެ މައްސަލަ ޙައްލުކުރާކަށް، އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރޭ.،" ސަޢީދު ވިދާޅުވިއެވެ.
ފާއިތުވި އެއްވެސް ސަރުކާރަކުން މަސައްކަތްނުކޮށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން އެކަމުގެ ހުރިހާ ގެއްލުމެއް ލިބުނީ ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި ދިވެހި ރައްޔިތުންނަށް ކަމަށެވެ. އެ ގެއްލުމުގެ މިސާލެއްގެ ގޮތުގައި ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި، ވިޔަފާރިވެރިންނަށް އެކަމުގެ ގިލަންވެރިކަން އިޙުސާސްކުރަންޖެހުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލާގައި ވަރަށް ގިނަ ދަތިތަކާ ރައީސް މުއިއްޒު ކުރިމަތިލެއްވި ކަމަށެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ ފުރިހަމަ އެއްބާރުލުމާ އެކު، މިހާރު އެ މައްސަލަ ހައްލުވާން ފަށައިފި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑޮލަރުގެ މައްސަލާގައި ވަރަށް ދަތި މައްސަލައަކާ އެމަނިކުފާނު ކުރިމަތިލެއްވީ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އިންޑަސްޓްރީގެ ފުރިހަމަ އެއްބާރުލުމާއެކު މިހާރު އެދަނީ އެ މައްސަލަ ޙައްލުވަމުން" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން