އެމްޓީސީސީއިން އަށް މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ލިބުނު ފައިސާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 32 އިން ސައްތަ ދަށަށް ހިނގައްޖެއެވެ.
2024 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، 2023 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.2 ބިލިޔަން ރުފިޔާއާ އެވެ.
އެމްޓީސީސީއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާއިރު، 2023 ވަނަ އަހަރު ނިމުނުއިރު އެ ކުންފުނި ހިންގައިގެން ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރާ އާޅާ ބަލާއިރު 37.2 އިންސައްތަ ދަށްވެފައެވެ. އެގޮތުން 2023 ވަނަ އަހަރު އެ ކުންފުނި ހިންގައިގެން 336.7 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 211.2 މިލިޔަން ރުފިޔާގައެވެ.
2024 ވަނަ އަހަރު ޓެކްސް ފައިސާ އަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 99.1 މިލިޔަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލާއިރު 41 އިންސައްތަ ދަށް އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 84.2 މިލިޔަން ރުފިޔާއެވެ.
2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 418.2 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 587.1 މިލިޔަން ރުފިޔާ އަޅާ ބަލާއިރު 28.8 އިންސައްތަ ދަށް އަދަދެކެވެ.
އެމްޓީސީސީއަކީ މުޅި ރާއްޖޭގައި އުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ އެންމެ ބޮޑު ކުންފުންޏެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއިންވަނީ 189 މަޝްރޫޢެއްގެ މަސައްކަތްކުރިއަށް ގެންގޮސްފައިވާއިރު 9 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
މި ލިޔުން ކިޔާލުމުން