ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކޮންމެ އަހަރެއްގެ ޖަނަވަރީ މަހު ފަށާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި އިޞްލާޙު ގެނައުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު، ޢަބްދުﷲ ރިފާޢުއެވެ. މިގޮތުން ރިފާޢު އިޞްލާޙު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާއަށެވެ.
މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި މިހާރު ބަޔާންކޮށްފައިވާ ގޮތުން ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވާނީ ތިން ދައުރަށެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓު 15 ގެ ނިޔަލަށް ކަމަށްވާއިރު، ގަވާއިދުގައިވާ ގޮތުން ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މި މާއްދާއަށް މެންބަރު ރިފާޢު ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ތިރީގައި އެވަނީއެވެ.
1. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖަނަވަރީ މަހުގެ ނިޔަލަށް.
2. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް.
3. މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ ސެޕްޓެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް.
މީގެ އިތުރުން، މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ހިނގާނީ އެ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ކަމަށްވެސް އިޞްލާޙުގައި ހުށަހަޅުއްވާފައިވެއެވެ. އަދި މި އަހަރުގެ ދެވަނަ ދައުރާއި ތިންވަނަ ދައުރު ހިނގާނީ އިޞްލާޙު ހުށަހެޅި ގޮތަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން