ވެރިކަމުގައި ތިބޭއިރު ކޮންމެ ބަޔަކަށްވެސް ސުޕްރީމް ކޯޓު ފެންނަނީ އަމިއްލަ އާލާތެއްހެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު، އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކޮންމެ ބަޔަކަށްވެސް ވެރިކަމުގަ ތިބޭއިރު ސުޕްރީމް ކޯޓު ފެންނަނީ ސިޔާސީ ކަންކަމަށް ބޭނުންކޮށްލަން އޮންނަ އަމިއްލަ އާލާތެއްހެން.
ވެރިކަމުން ބޭރުގައިތިބެ އަނެއްބައި މީހުން އެކަން ކުރާ މަންޒަރު ފެނުނީމަ ވަރަށް ކަންބޮޑުވޭ.
އެހިސާބުން ރައްޔިތުންނޭ، ޤާނޫނު އަސާސީ އޭ ދެން ގޮވަން ފަށާ.— faris 🇲🇻 🇵🇸 (@afarismaumoon) February 8, 2025
މިގޮތުން ފާރިސް ވިދާޅުވީ، ކޮންމެ ބަޔަކަށްވެސް ވެރިކަމުގަ ތިބޭއިރު ސުޕްރީމް ކޯޓު ފެންނަނީ ސިޔާސީ ކަންކަމަށް ބޭނުންކޮށްލަން އޮންނަ އަމިއްލަ އާލާތެއްހެން ކަމަށެވެ.
އަދި ވެރިކަމުން ބޭރުގައި ތިބެ އަނެއްބައި މީހުން އެކަން ކުރާ މަންޒަރު ފެނުނީމަ ވަރަށް ކަންބޮޑުވާ ކަމަށާއި، އެހިސާބުން ރައްޔިތުންނޭ، ޤާނޫނުއަސާސީ އޭ ދެން ގޮވަން ފަށާ ކަމަށް ފާރިސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ފާރިސް މިހެން ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
"ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޤާމު ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލު ބާޠިލު ކަމަށް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛް ޢަލީ ހުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން"، އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް މިހާރު ރާވާފައިވާ ކަމަށާއި، ހުސްވާ މަޤާމުތަކަށް މިހާރު ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފުގެ އިތުރުން މިހާރު މި ސަރުކާރުގެ ސިޔާސީ މަޤާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު ޢައްޔަންކުރުމަށްވެސް ސަރުކާރުން ނިންމާވަފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ"، ބަޔާނުގައި ބުނެފައި ވެއެވެ. ޖުޑީޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން ގެންދާ މި ދަނޑިވަޅުގައި، އެ ކޯޓުގެ ފަނޑިޔާރުންތައް މަޤާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑީޝަރީއެއް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި އެ ޕާޓީން ވަނީ ބުނެފައެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ކުށްވެރިކޮށް، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި ރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެ ޕާޓީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން