ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
"ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޤާމު ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލު ބާޠިލު ކަމަށް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛް ޢަލީ ހުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން"، އެ ބަޔާނުގައި އެމްޑީޕީން ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް މިހާރު ރާވާފައިވާ ކަމަށާއި، ހުސްވާ މަޤާމުތަކަށް މިހާރު ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފުގެ އިތުރުން މިހާރު މި ސަރުކާރުގެ ސިޔާސީ މަޤާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު ޢައްޔަންކުރުމަށްވެސް ސަރުކާރުން ނިންމާވަފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ"، ބަޔާނުގައި ބުނެފައި ވެއެވެ. ޖުޑީޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން ގެންދާ މި ދަނޑިވަޅުގައި، އެ ކޯޓުގެ ފަނޑިޔާރުންތައް މަޤާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑީޝަރީއެއް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި އެ ޕާޓީން ވަނީ ބުނެފައެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ކުށްވެރިކޮށް، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި ރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެ ޕާޓީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން