ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު މަހު ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން މި ސަރުކާރުން ފާއިތުވި އަހަރު ވާނީ ވައިޑްބޮޑީ އެއާކްރާފްޓް އިފްތިތާޙު ކޮށްފައި ކަމަށާއި، ޗައިނާގެ އިތުރު ސިޓީތަކަށާއި، އެހެނިހެން ސަރަހައްދުތަކަށް ޤައުމީ އެއާލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.
މިގޮތުން ވައިޑް ބޮޑީގެ އިތުރު އެއާކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން، ޔޫރަޕުގެ ބައެއް މަންޒިލްތަކަށްވެސް، ޤައުމީ އެއަރލައިން ސީދާ އުދުހެން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިހެން ވިދާޅުވިއިރު، މޯލްޑިވިއަންގެ ފްލީޓަށް އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް އިތުރުކުރުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ވަނީ އެއާބަސް އޭ330-200 މަރުކައިގެ މަތިންދާބޯޓެއް ހޯދުމަށް އިއްޔެ އިޢުލާންކޮށްފައެވެ. މިގޮތުން އެ ކުންފުނިން ކުރި އިޢުލާނުގައި ވަނީ އޮޕަރޭޓިންގ ލީސް ބޭސިސް އަށް ފަސް އަހަރުގެ މުއްދަތަށް އެއް އެއާބަސް އޭ330-200 މަރުކައިގެ އެއާކްރާފްޓެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
އިއުލާނާއެކު އާންމުކޮށްފައިވާ ރިކުއެސްޓް ފޮރ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ގޮތުން މި އެއާކްރާފްޓް މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ފޯރުކޮށްދޭންވާނެއެވެ. އަދި މި އެއާކްރާފްޓުގައި އިކޮނޮމީ ކްލާހާއި ބިޒްނަސް ކުލާހުގެ ސީޓުތައް ހުންނަންޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި މަދުވެގެން 20 ބިޒްނަސް ކުލާސް ސީޓު ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އިޢުލާނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 7 މާރިޗު 2025 ގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން