ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކަށް ޖަޕާނުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެ ޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ އަށް ޝުކުރު ދަންނަވައިފިއެވެ.
މިގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި އައު ސަފީރަށް މަރުޙަބާ ދަންނަވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ކާރިސާތައް މެނޭޖްކުރުމާއި، އުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ޤައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވައިފައެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ޖަޕާނުގެ ސަފީރު ވަނީ ވަޒީރު ޑރ. ޚަލީލް ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ކުރިއަށް ގެންދިޔުމުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާ އެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވެއިފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު، ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދު، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެރުވީ މިއަދެވެ. މިގޮތުން ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން