ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ އައްޑޫ ސިޓީ، މީދޫ، އަބްދުﷲ ރަމްޒީ އަކީ ރާއްޖޭގެ ގިނަބަޔަކު ދަނޑުވެރިކަމަށް ޝައުގު ޖެއްސުވި ފިސާރި ޝަހުސިއްޔަތެކެވެ. ރަމްޒީގެ މަސައްކަތްތައް އަމިއްލައަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމު ތަކުގައި ހިއްސާކުރަމުން އަންނަތާ މިހާރު ވަނީ އަހަރުތަކެއް ވެފައެވެ.
ރަމްޒީގެ "ޒުވާން ދަނޑުވެރިޔާ" ގެ ނަމުގައިވާ ސޯޝަލް މީޑިއާ ހޭންޑުލް ތަކުން ފެންނަނީ ރާއްޖޭގައި އާންމު ނޫން އެކި ބާވަތްތައް ފަސޭހަކަމާ އެކު ރަމްޒީ ހައްދަމުންދާ މަންޒަރެވެ. އޭގެތެރޭގައި ބައެއް ފަރާތްތަކުން ރާއްޖޭގައި ހެއްދިދާނެކަމަށް ހިތަށްވެސް ނާރާ މޭބިސްކަދުރު، ވައްތީނި، އަލަނާސި އަދި ޑްރެގަން ފްރުޓް ފަދަ މޭވާތައް ހިމެނެއެވެ.
މިގޮތަށް ރަމްޒީ ކުރަމުން އަންނަ މަސައްކަތްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ގެންދިއުމުގެ ސަބަބުން ރަމްޒީއަށް ވަނީ ރާއްޖޭގެ ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ. ރަމްޒީ އަކީ މިހާރު އެންމެން ދަންނަ "ޒުވާން ދަނޑުވެރިޔާ" އެވެ. ރަމްޒީއަށް ލިބިފައިވާ މަގްބޫލުކަމުގެ އިތުރުން، ޗާލު ބަގީޗާއެއް ފަދައިން ތަރުތީބު ކޮށްފައިވާ ރަމްޒީގެ ޑްރެގަން ފުރުޓް ފާމަކީވެސް އައްޑު އަތޮޅު މީދޫ އަށް ޒިޔާރަތްކުރާ ކުދިބޮޑު އެންމެންގެ މަގުބޫލު މަންޒިލެކެވެ.
ފެހިކަން ގަދަ އެކި ބާވަތް ބާވަތުގެ މޭވާ ގަސްތަކުން ޒީނަތްތެރި ކޮށްފައިވާ މި ދަނޑުގެ ހިތްގައިމު ކަމުގެ ފަހަތުގައި ވަނީ އަހަރުތަކެއް ވަންދެން ރަމްޒީ ކޮށްފައިވާ ބުރަ މަސައްކަތެވެ. ގަދަ އަވީގައި، އަމިއްލަ އަތުން ކޮށްފައިވާ ބުރަ މަސައްކަތުން، ދަނޑުވެރިކަމުގައި ރަމްޒީވަނީ މިހާތަނަށް ހިތްހަމަޖެހޭ ނަތީޖާތަކެއް ނެރެފައެވެ.
ދަނޑުވެރިކަމަށް ހުރި ޝައުގުވެރި ކަމެއްގެ ސަބަބުން ރަމްޒީ ވަރަށް ކުޑަކޮށް ފެށި މި މަސައްކަތް މިހާރު މިވަނީ ރަނގަޅު ފެންވަރެއްގެ ވިޔަފާރިއަކަށް ފުޅާކުރެވިފައެވެ. ޑްރެގަން ފުރުޓް ފާމް ގެ އިތުރުން މަހަކު 12 ޓަނު ކިއުކަމްބާ އުފެއްދޭނެ ސެޓަޕެއް ވެސް ރަމްޒީގެ ދަނޑުގައި މިހާރު ވަނީ ގާއިމްކޮށްފައެވެ. ރަމްޒީގެ ހިޔާލު ހުރީ އަދިވެސް އޭނާގެ ދަނޑުވެރިކަން އިތުރަށް ފުޅާކޮށް މި ރޮނގުން ކުރިއަށް ދިއުމަށެވެ.
މިހާތަނަށް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ ރަމްޒީ އަކީ ގިނަ ހުނަރުތަކަކުން ފުރިފައި ހުރި ޒުވާނެކެވެ. އެގޮތުން ފުޓުބޯޅަ ދަނޑުގައިވެސް ރަމްޒީ އަކީ މޮޅު ފޯވާޑެކެވެ. އަދި ކޮމްޕިއުޓަރު ދޮށުގައި ރަމްޒީ އަކީ މޮޅު ގްރެފިކްސް ޑިޒައިނަރެކެވެ.
ދިރިއުޅުމުގައި ކުރިއެރުމަށްޓަކައި އެއިރަކު ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އަބަދުވެސް އަޒުމު ކަނޑައަޅައިގެން ހުންނަ ރަމްޒީ ވަނީ އާމްދަނީ ހޯދުަމަށް މިހާތަނަށް ތަފާތު އެކި މަސައްކަތް ކޮށްފައެވެ. ނަމަވެސް ދަނޑުވެރިކަމަށް ހުރި ޝައުގަކީ ރަމްޒީ އެންމެ ކުޑައިރުންސުރެ އުފެދިފައި އޮތް ޝައުގެކެވެ.
އަބަދުވެސް ޝައުގުވެރިކަންހުރި ދާއިރާއިން ކުރިއަށްދާން ރަމްޒީއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ ، ދަނޑުވެރިކަމުގެ ދާއިރާގެ ހަ މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމަކަށް ޖަޕާނަށް ދިއުމަށް ލިބުނު ފުރުސަތެވެ.
މި ތަމްރީނު ޕްރޮގްރާމުން ދަނޑުވެރިކަމުގައި ރަމްޒީ ދަސްކުރަން ބޭނުންވެފައި ހުރި ލައްކަ ބައިވަރު ކަންކަން ދަސްވިއެވެ. އަދި މި ތަމްރީނުތަކަށް ފަހު ދަނޑުވެރިކަމުގައި ކުރިއަށްދާން ވީގޮތް ރަމްޒީއަށް ވަރަށް ރަނގަޅަށް ފަހުމްވިއެވެ. އެހެންކަމުން ފިސާރި ކެރިގެން ދަނޑުވެރިކަމުގައި ކުރިއަށްދާން ނިންމައި މި މަސައްކަތަށް ނުކުތީއެވެ. އަދި އެފަހުން ރަމްޒީ ވަނީ ތަފާތު އެކި ތަމްރީނުތައް ރާއްޖެއިން ބޭރުން ހަދައި ތަޖުރިބާގެ ގިނަ ދަތުރުތަކެއްވެސް ކޮށްފައެވެ.
ރަމްޒީ ގަބޫލުކުރާ ގޮތުގައި ދަނޑުވެރިކަމަކީ ރާއްޖޭގައި ފުރުސަތުއޮތް މަސައްކަތެއް ނަމަވެސް ގިނަ ހުރަސްތަކާވެސް މި މަސައްކަތުގައި ކުރިމަތިލާން ޖެހޭނެ އެވެ. އަދި ރަމްޒީގެ މަސައްކަތުގައި މިހާރުވެސް ގިނަ ހުރަސްތަކެއް ކުރިމަތިވާކަން ފާހަގަ ކުރިއެވެ. ސަބަބު ނޫހުގެ ފަރާތުން ރަމްޒީގެ މަސައްކަތާއި ގުޅިގެން ސުވާލުކުރުމުން މި ދާއިރާގައި ކުރިމަތިލާންޖެހިފައިވާ ގިނަ ގޮންޖެހުންތަކެއް ފާހަގަ ކުރިއެވެ.
ރާއްޖޭގައި ސަރުކާރުގެ ޕޮލިސީތައް އަވަސް އަވަހަށް ބަދަލުވުމުން ރަމްޒީ ކަހަލަ މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުގެ މިސާލު ދައްކަމުން ރަމްޒީ ފަށައިގަތެވެ.
"އަޅުގަނޑު ދަނޑުވެރިކަން ފުޅާކުރުމަށް ދެ މިލިއަން ރުފިޔާގެ ލޯނެއް ނެގިން. އެ ލޯނު ނެގީ އެގްރޯ ނެޓުން އަޅުގަނޑުގެ އުފެއްދުންތައް ނަގާނެކަމުގެ ކޮމިޓްމެންޓް ލިޔުމުން ދިނުމުން. ނަމަވެސް މަހަކު 12 ޓަނުގެ ކިއުކަމްބާ އުފެއްދޭ އިންތިޒާމް ހަމަޖެހުނުއިރު އެގްރޯނެޓުން އެގްރީމެންޓް އުވާލަން ނޯޓިސް ދީފި. ދެން އަޅުގަނޑަށް ޖެހޭނީ އުފެއްދުންތައް ވިއްކުމަށް އެހެން ގޮތެއް ހޯދަން. ހަގީގަތުގައި މި ވިޔަފާރި މޮޑެލް ޑިވެލޮޕް ކޮށްފަ އިނީ މާކެޓިންގ އަށް އިތުރު ހޭދަތަކެއް ކުރަން ވިސްނައިގެނެއް ނޫން" ރަމްޒީގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބުންޏެވެ.
ކުލީ ބިންތަކުގައި ދަނޑުވެރިކަމަށް އެތައް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް މިހާތަނަށް ރަމްޒީ ކޮށްފައިވާއިރު، ރަށްރަށުގައި ވިޔަފާރިއަށް ކުއްޔަށްނަގާ ބިންތަކަށް އެކަށީގެންވާ ކުއްޔެއް ކަނޑައަޅަން ޖެހޭކަން އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި ރަމްޒީ ފާހަގަ ކުރިއެވެ. ރަމްޒީ ފާހަގަ ކުރިގޮތުން ރަމްޒީމެން ކިއުކަމްބާރ ފާމް ތަރައްގީކޮށްފައިވަނީ ސިޓީ ކައުންސިލުން ކަނޑައެޅި ކުއްޔަކަށް ދިހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނަގާފައިވާ ބިންތަކުގައެވެ. ކައުންސިލް އިދާރާ އާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިހަ އަހަރު ކުލީގެ މުއްދަތުގެ ގޮތުގައި ލިބިފައިވިޔަސް ކައުންސިލުން ކުރި އިއުލާނަކުން އެއްވެސް ބިމެއް އިސްތިސްނާ ކުރުމެއް ނެތި ހުރިހާ އެއްބަސްވުންތައް ބާތިލުކޮށް ކުލި ބޮޑުކުރުމަށް ނިންމާފައިވާކަމަށް ރަމްޒީ މައުލޫމާތު ދިނެވެ.
މިކަން މިގޮތަށް ކުރުމުން މީދޫގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކަށް މި މަސައްކަތުގައި އުޅުމަށް ދަތިވާނެކަން ރަމްޒީ ފާހަގަ ކުރިއެވެ. އަދި އެކަށީގެންވާ ކުޑަ ކުއްޔަކަށް ދަނޑުބިންތައް ލިބޭނެގޮތެއް އޮތުމުގެ މުހިންމުކަން ރަމްޒީ ފާހަގަ ކުރިއެވެ.
މީގެ އިތުރުން އުފައްދާ ތަކެތި މާކެޓް ކުރުމަށް މާލެ ސަރަހައްދާއި ދުރުވުމުގެ ސަބަބުން ހުރި ގޮންޖެހުންތައްވެސް ރަމްޒީ ހިއްސާކުރިއެވެ.މިގޮތުން އައްޑޫ ސަރަހައްދުން މާލެއަށް ޕެރިޝަބަލް އައިޓަމްތައް ފޮނުވަން އޮތް ހަމައެކަނި އޮޕްޝަނަކީ ވައިގެ މަގު ކަމަށް ވެފައި ، އެއާފްރައިޓް ޗާޖުގެ ގޮތުގައި މޯލްޑިވިއަން އިން ނަގަނީ ފީސިބަލް އަގެއް ނޫންކަން ރަމްޒީ ފާހަގަ ކުރިއެވެ. މިކަމަށް ހައްލު ހޯދުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ރަމްޒީ އަންނައިރު ، އަދި އެއްވެސް އަލިމަގެއް މިހާތަނަށް ފެނިފައި ނުވާކަން ރަމްޒީ ހިތާމައާއެކު ފާހަގަ ކުރިއެވެ.
"ކުރީގެ މިނިސްޓަރު ރަމީލާ ކޮމިޓް ވެފައި އޮތީ އަގުތައް ކުޑަކޮށްދޭން. އަދި މިހާރުގެ އެގްރިކަލްޗަރ މިނިސްޓަރ މާރިއާވެސް އޮތީ ކޮމިޓް ވެފައި. އަދި އެކަމަކު ނުވޭ."
ނަމަވެސް މަސައްކަތުގައި ދިމާވާ ދަތި ކަމަކާއި ގުޅިގެން ރަމްޒީ ފަހަތަށް ޖެހުމެއް ނެތެވެ. ރަމްޒީގެ ވިސްނުންހުރީ މި ހުރިހާ ގޮންޖެހުންތަކަކާއި ކުރިމަތިލައި ހައްލު ހޯދުމެވެ.
އަމިއްލައަށް ދަނޑުވެރިކަން ކުރުމުގެ އިތުރުން ، އެހެން ފަރާތްތަކަށް ދަނޑުވެރިކަމުގައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަކީ އުފާވެރިކަމާއެކު ރަމްޒީ ކުރާ މައިގަނޑު އެއް މަސައްކަތެވެ. މިގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ރަމްޒީވަނީ ތަފާތު ތަމްރީނު ޕްރޮގްރާމުތައް ހިންގާފައެވެ.
އަދި ވިޔަފާރި އުސޫލުން މިހާރުވެސް ފަސް ރިސޯޓެއްގެ ޝެފް ގާރަޑަން ރަމްޒީގެ ކޮންސަލްޓެންސީގެ ދަށުން ބަލަހައްޓައެވެ. މީގެ އިތުރުން އުރީދޫގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައިވެސް މަސައްކަތްކުރާ ރަމްޒީ ދަނީ "ގްރޯ ވިތު އުރީދޫ" ގެ ނަމުގައި ހިންގާ ސިލްސިލާ ހަރަކާތުގައި ދަނޑުވެރިކަމުގެ މައުލޫމާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިއްސާކުރަމުންނެވެ.
އަމިއްލައަށް ދަނޑުވެރިކަން ކޮށް ، އެހެން މީހުން ދަނޑުވެރިކަމަށް ހިތް ޖައްސުވާލުމަކީ އެހެން ދަނޑުވެރިންނާއި ރަމްޒީ ތަފާތުވާ މައިގަނޑު އެއް ކަމެވެ. ޑްރެގަން ފުރުޓް ފާމްގައި މާތައް ފޮޅޭ މަންޒަރު ސޯޝަލް މީޑިއާއިން ވަގުތުން ދެއްކުމާއި، "ހޭންޑް ޕޮލިނޭޝަން" އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ދަނޑުވެރިކަމުގެ އުފާވެރިކަން ރަމްޒީ މީހުންނަށް ބުނެދޭ ގޮތެވެ.
މީގެ އިތުރުން ގަސްތަކުން މޭވާ ބިންނަ މަންޒަރު ކޮންމެހެންވެސް ރަމްޒީގެ ފޮލޯވަރުންނާއި ހިއްސާކުރުމަކީ ފަރުވާތެރިކަމާއެކު ރަމްޒީ ކުރަމުން އަންނަ ކަމެކެވެ. ދަނޑުވެރިކަމުގައި ރަމްޒީ ގެންގުޅޭ ޒަމާނީ "ސްޓައިލް" ގެ ސަބަބުން ހަގީގަތުގައިވެސް އެތައް ޒުވާނުން ދަނޑުވެރިކަަމަށް ހިތްޖައްސުވައިފިއެވެ.
ނަމަވެސް ރާއްޖޭގައި އަދިވެސް ފުޅާކޮށް ދަނޑުވެރިކަމުގައި ކުރެވޭ އިންވެސްޓްތައް މަދުކަން ރަމްޒީ ފާހަގަ ކުރިއެވެ. ރަމްޒީ ދެކޭ ގޮތުގައި ސަރުކާރުން މިހާރު ރަށްރަށުގައި ހިންގާ ދަނޑުވެރިކަމުގެ "ޕައިލެޓް" ޕްރްޖެކްޓްތަކަށް ވުރެ މިހާރު އިސްކަން ދޭން ޖެހެނީ "ސްކޭލް އަޕް ފާމިން" އަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުން ބޭރުގެ އެކި އެންޖީއޯތަކުން ޕައިލެޓް ޕްރޮޖެކްޓްތަކަށް ފަންޑް ހޯދައިގެން ހިންގުމަކުން ވާ ފާއިދާއެއް ނެތް. އެއީ އެފަންޑް ވޭސްޓް ކުރުން ހަގީގަތުގަ. ރާއްޖޭގައި ކޮމާޝިއަލް ސްކޭލްގައި ދަނޑުވެރިކަން ކުރެވޭނެކަން މިއޮތީ ފެންނަން. ޕައިލެޓް ޕްރޮޖެކްޓްގެ ބޭނުމަކީ ކުރެވޭނެތޯ ޔަގީން ނުވެގެން ބެލުން"
ރަމްޒީ ފާހަނގަ ކުރިއެވެ.
ރަމްޒީ ދެކޭ ގޮތުގައި ފުޑް ސެކިއުރިޓީއަށް ވިސްނައިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވަން އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ނަމަވެސް މިކަން ބަދަލު ކުރަންޖެހިފައި ވާކަމަށް ރަމްޒީ ފާހަގަ ކުރިއެވެ. މިކަމުގައި ރަމްޒީ އަމިއްލަ ހައިސިއްޔަތުން ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވަން ގިނަ ވިސްނުންތަކެއް ގެންގުޅެއެވެ.
"އަޅުގަނޑުގެ ފާމް އަށް މި ޖެނުއަރީ މަހު އެކަނި 700 މީހުން ޒިޔާރަތްކުރި. އެއީ އެކި ސްކޫލްތަކުން އައި ދަރިވަރުންވެސް ހިމަނައިގެން. އަޅުގަނޑު މިދަނީ ދަނޑުވެރިކަމުގެ މައުލޫމާތު ހިއްސާކޮށް އެންމެންނަށް ކިޔައި ދެމުން.ހަގީގަތުގައި އެގްރިކަލްޗަރަލް ސެންޓަރެއްގެ ދައުރު އަޅުގަނޑު މިދަނީ ސެންޓަރެއް ނެތަސް މިހާރުވެސް އަދާކުރަމުން"
ދަނޑުވެރިކަން ކުރިއަރުވަން ރަމްޒީ ކުރަމުންދާ ކަންކަމަށް ނިސްބަތްކޮށް ރަމްޒީ ފާހަގަ ކުރިއެވެ.
ރަމްޒީ ގަބޫލުކުރަނީ ސީރިއަސް ވިސްނުމުގައި އާންްމުން ދަނޑުވެރިކަމުގައި ކުރިއަރުވަން މަސައްކަތް ކޮށްފިނަމަ ރާއްޖެއިން އިމްޕޯޓަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަ ކުރެވޭނެ އެވެ. ނަމަވެސް ދަނޑުވެރިކަން ކުރިއަރުވަން ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވޭ މަސައްކަތް މަދުކަން ރަމްޒީ ފާހަގަ ކުރިއެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮމާޝިއަލް ފާމިންގ ގެ ފުރުސަތުތައް ރާއްޖޭގައި އިތުރުކޮށްގެން ކުރިއެރުން ލިބޭނެކަމަށް ރަމްޒީ ދެކެއެވެ.
"ސަބަބު" ނޫހަށް ދިން އިންޓަވިއުގައި ރަމްޒީ ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިންމު ކަމަށް އޮތީ ކޮންކަމެއްތޯ ސުވާލުކުރުމުން، އައްޑޫގައި އަދި އެހެންވެސް ރަށްރަށުގައި ، ދަނޑުވެރިން އަތުން ބޮޑު ކުލި ނުނެގުމަށް، ރަމްޒީ ގޮވާލިއެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވަން ދަނޑުވެރިންނަށް ވީހާވެސް ލުއިގޮތްތައް ކަމާބެހޭ ފަރާތްތަކުން ފަހިކޮށް ދިނުމަށްވެސް ރަމްޒީ ގޮވާލިއެވެ.
މި ލިޔުން ކިޔާލުމުން
2 ކޮމެންޓު
“ފާހަނގަ” އެއް ނޫން. ފާހަގަ
މި ލިޔުން ކިޔާލުމުން
ރަމްޒީ އެކުރާ ދަނޑުވެރިކަމާބެހޭ ބުރަ މަސައްކަތައް ކޮއްމެ ސަރުކާރެއްއޮތަސް ރަތްޔިތުން ކުރާ މިކަހަލުގެ ރަންގަޅުބުރަ މަސައްކަތްތަކައް ކުރިއެރުންހޯދަދީ އެއްބާރުލުންދިނުންވަރަތް މުހިއްމު އަދިއެ އެއްޗެހި މާކެޓްކުރެވޭގޮތެއް ރިސޯޓްތައް ކަމުގައި ވިޔަސް މާރުކޭޓްގެ ގޮޅިތައް ވިޔަސް ސަރުކާރުގެ އެއްބާރުލުން ލިބޭނަމަ ރަމްޒީމެން ކަހަލުގެ މަސައްކަތްކުރާ ހިއްވާކުދިން ވަރަތްއުފަލާއެކުކުރިޔައްދާނެކަންޔަގީން ރަމްޒީ. ތިޔަކުރާ ބުރަ މަސައްކަތުގައި ބަރަކާއްލައްވާށި،
މި ލިޔުން ކިޔާލުމުން