މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ޚާއްޞަ މަޤާމެއް ލިބިފައިވާ ޝަހީދުންގެ ދުވަހެވެ. މި ދުވަހަކީ ޤައުމާއި އިސްލާމްދީނަށްޓަކައި އަގުހުރި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ އަބްޠާލުންގެ ހަނދާން އާކުރުމުގެ ދުވަހެވެ. ޝަހީދުންގެ ދުވަހުގެ އަސްލަކީ، ހިޖުރައިން 965 (މީލާދީން 1558) ގައި ހިނގި ތާރީޚީ ހާދިސާއެކެވެ. އެ ދުވަހު، ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން އައްސުލްޠާން ޢަލީ ސިރީ އައުދަ ސިއާކަ ތަންތުރަ މަހާރަދުން ޤައުމު ދިފާޢުކުރެއްވުމުގައި ޝަހީދުވިއެވެ. އެއީ، ކާފަރުވި ކުރީގެ ރަސްކަލެއްގެ އެދުމުގެ މަތިން ދިވެހިރާއްޖެއަށް އައިސް، އުދުވާނީ ހަމަލާ ދިން ޕޯޗުގީޒުންގެ އިސްތިޢުމާރީ ބާރާ ދެކޮޅަށް ކުރެއްވި ހަނގުރާމައިގައެވެ.
ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިޖުރައިން 1400 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ 1980 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. އެއީ އަލިރަސްގެފާނުގެ ޝަހީދުވި ހާދިސާއަށް 435 އަހަރު ފުރުނު ދުވަހެވެ. މިހާރު ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރާތާ 46 އަހަރު ވީއެވެ.
އަލިރަސްގެފާނު ޝަހީދުވި ހާދިސާއަކީ ދިވެހި ޤައުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ހިތާމަވެރި އަދި އިބުރަތްތެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. އެ ހާދިސާއިން އަޅުގަނޑުމެންނަށް ދަސްވާ އެންމެ މުހިންމު އެއް ފިލާވަޅަކީ ޤައުމީ މަޞްލަޙަތު ދޫކޮށް، އަމިއްލަ މަންފާ އިސްކުރުމުގެ ނުރައްކާތެރިކަމެވެ. އަދި ހަމައެއާއެކު ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށްޓަކައި ފުރާނަފުޅު ޤުރުބާންކުރެއްވި އަލިރަސްގެފާނާއި އެ ރަދުންގެ އަރިހުގައި ހަނގުރާމައިގެ މައިދާނުގައި ޝަހީދުވި ބޭކަލުންގެ ހިތްވަރާއި ޢަޒުމުގެ ވަރުގަދަކަމެވެ.
އެ ދުވަހަކީ އެތަކެއް ޒަމާނެއް ވަންދެން ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ނުގޮސް އޮތް މިދިވެހި ގައުމުގެ ތާރީޚުގައި ފުރަތަަމަ ފަހަރަށް މިނިވަންކަން ގެއްލުނު ހިތާމަވެރި ދުވަހެވެ. އެދުވަހު އަލިރަސްގެފާނު ޝަހީދުކުރުމަށްފަހު، ގޯވާގައި ތިބި ޕޯޗުގީޒުން ދިވެހިރާއްޖެ އަތުލައިގަނެ، އެމީހުންގެ ވެރިޔަކު ދިވެހިރާއްޖޭގެ މައްޗަށް ޢައްޔަންކުރިއެވެ. އަދި ކާފަރުވި ނުވަ ވަނަ ޙަސަން ރަސްގެފާނުގެ ނަންފުޅު ބޭނުންކޮށްގެން ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރި އަދި އިސްތިބްދާދީ ވެރިކަމެއް ގާއިމުކުރިއެވެ.
މިކަންތައް ދިމާވެގެން ދިޔައީ ހަގީގަތުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ނާޒުކުވެފައި އޮތް ދަނޑިވަޅެއްގައެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ވޭތުވެދިޔަ އެންމެ ނާޒުކު ދުވަސްވަރުތަކުގެ ތެރެއިން ހިމެނުނު މި ދުވަސްވަރު ފެށިގެން އައީ 15 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެ ދުވަސްވަރަކީ ދިވެހިރާއްޖޭގައި ހިލާލީ ދަރިކޮޅުގެ ރަސްކަން އޮތް ދުވަސްވަރެވެ. މި ދަރިކޮޅުގެ ރަސްކަމަކީ ސިޔާސީ ހަމަނުޖެހުންތައް ބޮޑު ރަސްކަމެކެވެ. މީލާދީން 1388 އިން 1552 އަށް މިދަރިކޮޅުން ރަސްކަންކުރި 164 އަހަރުގެ ތެރޭގައި 27 ރަސްކަލަކު ރަސްކަންކުރެއްވިކަމީ މިކަމުގެ ހެތްކެކެވެ. މި ސިޔާސީ ހަމަނުޖެހުންތަކަކީ ޕޯޗުގީޒުންނަށް ދިވެހިރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވުމަށް ލިބުނު ފުރުޞަތެކެވެ.
ޕޯޗުގީޒުންގެ ނުފޫޒު އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ފެތުރެން ފެށީ ހިލާލީންގެ މި ހަމަނުޖެހުން ބޮޑު ދުވަސްވަރުގައެވެ. މީލާދީން 1498 ވަނަ އަހަރު ވަސްކޯ ޑަ ގާމާގެ ދަތުރާއެކު، ޕޯޗުގީޒުންގެ ހަރަކާތްތައް މި ސަރަޙައްދުގައި ފުޅާވެގެން ދިޔައެވެ. ދިވެހިރާއްޖެއާ ޕޯޗުގީޒުންގެ ފުރަތަމަ ބައްދަލުވުން ކަމަށް ލިޔެކިޔުންތަކުން ދައްކަނީ މީލާދީން 1502-1503 ގައި ވިންސެންޓޭ ސޮދްރޭ ރާއްޖެއަށް އައި އައުމެވެ. މި ދަތުރުގައި އޭނާ ދިވެހި އުޅަނދުތަކެއް ފޭރިގަތްކަމަށް ޕޯޗުގީޒު ލިޔެކިޔުންތަކުގައި ވެއެވެ. މިއީ އެބައިމީހުންގެ ފުށުން ދިވެހިރާއްޖެއަށް ކުރިމަތިވީ ނުރައްކަލުގެ ފެށުމެވެ.
މި ސަރަހައްދަށް ޕޯޗުގީޒުންގެ ނުފޫޒު އިތުރުވަމުން ދިޔުމާއެކު، ދިވެހިރާއްޖެއަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އިޤްތިޞާދީ ގޮތުން، އިންޑިޔާ ކަނޑުގެ ވިޔަފާރި މަގުތަކުގެ މައްޗަށް ޕޯޗުގީޒުން ގާއިމުކުރި ބާރުގެ ސަބަބުން، ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ވިޔަފާރިއަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ސިޔާސީ ގޮތުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ ކުރިމަތިވިއެވެ. އަދި ސަޤާފީ އަދި ދީނީ ގޮތުން، ޕޯޗުގީޒުންގެ ނުފޫޒު ފެތުރުމުގެ މަސައްކަތްތައް ފެށިގެން ދިޔައެވެ.
ރަސްމީކޮށް ޕޯޗުގީޒުން ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް ވެއްދުމުގެ މޭސްތިރިއަކީ ދިވެހި ތާރީޚުގައި ކަޅުމުޙައްމަދު ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ހިލާލީ ދަރިކޮޅުގެ ރަސްގެފާނެވެ. ކޮންމެވެސް މިންވަރަކަށް މި ރަސްގެފާނުގެ މި ތާރީޚުގެ މައްޗަށް ބަލައިލާނަމެވެ. އައްސުލްޠާން ޢުމަރު (2) ގެ ދަރިކަލުން ކަޅުމުޙައްމަދު ރަސްގެފާނު ފުރަަތަމަ ފަހަރަށް ރަސްކަން ލިބިވަޑައިގަތީ 1491 ގައެވެ. ނަމަވެސް އޭގެ ނުވަ މަސް ފަހުން އެ ރަދުން ރަސްކަމުން ދުރުކުރައްވައި، އެ ރަދުންގެ އަޚު ޔޫސުފް (3) ރަސްކަން އަތުލެއްވިއެވެ. އޭގެ ދެ މަހާއި ފޮއި ދުވަހަށް ފަހު މި ރަދުން އަވަހާރަވެއްޖެއެވެ. ދެން ރަސްކަމަށް އިސްވެވަޑައިގަތި ހިލާލީ މުސްކުޅި ޙަސަން ރަސްގެފާނުގެ ކޮއްކޯފުޅު އައްސުލްޠާން ޙުސައިންގެ މުނިކާފަދަރިކަލެއް ކަމުގައިވާ ޢަލީ އެވެ. މި ރަސްގެފާނުގެ ރަސްކަމަށް ދެ އަހަރާއި ހަތަރު މަސް ވީ ތަނާ ކަޅުމުޙައްމަދު ރަސްގެފާނު އަލުން ރަސްކަން ހޯއްދެވިއެވެ. އެކަމެއް ކުރެއްވީ ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯއްދަވައިގެންނެވެ. އެއީ މީލާދީން 1494 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އަދި ޕޯޗުގީޒުންގެ މީހުން މިސަރަހައްދަކަށް ނާދެއެވެ. ކޮންމެއަކަސް މި ކަޅުމުޙައްމަދު ރަސްގެފާނު މި ބުރު 15 އަހަރު ވާންދެން ރަސްކަން ކުރެއްވިއެވެ.
ކަޅުމުޙައްމަދު ރަސްގެފާނު ރަސްކަމަށް 15 އަހަރު ފުރުނު ފަހުން އެރަދުންގެ އަޚް އަދި ކުރީގެ ރަސްގެފާނު ޔޫސުފު (3) ގެ ދަރިކަލުން ޙަސަން ރަސްކަން އަތުލެއްވިއެވެ. އެއީ 1510 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން މި ޙަސަން ރަސްގެފާނު އަވަހާރަވެއްޖެއެވެ. ދެން ރަސްކަމަށް އިސްވެވަޑައިގެންނެވީ މައްކާގެ އަރަތްބެއް ކަމަށްވާ ޝަރީފް އަހުމަދު ރަސްގެފާނެވެ. އޭނާވެސް 2 އަހަރެއްހާ ދުވަސް ފަހުން އަވަހާރަވީއެވެ. ދެން ރަސްކަމަށް ވަޑައިގަތީ 5 ވަނަ އަލިރަސްގެފާނެވެ. މިއީ ތާރީޚުގައި މަޝްހޫރު ދޮންބުޅާ ފާށަނާ ކިލަގެއެވެ. 5 ވަނަ އަލިރަސްގެފާނުގެ ދައިތާފުޅަކީ ވާހަކައިގައި ކިޔައިއުޅޭ ބުރަކިރަނީންނެވެ.
އެ ވާހަކައިގައި ކިޔާ ގޮތުން އައްސުލްތާނު ޝަރީފު އަޙްމަދު އަވަހާރަވުމަށްފަހު، ބުރަކިރަނީން ތަޚުތަށް ދައުވާކުރައްވާން ފައްޓަވައިފިއެވެ. ނަމަވެސް ރަސްކަމަށް އިސްކުރެވުނީ އެކަމަނާގެ ހަގު ކޮއްކޯފުޅު، ދޮންބުޅާ ފާށަނާ ކިލަގެއެވެ. ފަސްވަނަ އަލިރަސްގެފާނުންގެ ނަންފުޅުގައެވެ. ކަޅުމުޙައްމަދު ރަސްގެފާނު (ކަޅުމުޙައްމަދު މަނިކުފާނު) އަކީ މި ދެބޭފުޅުންގެ ބޮޑުދައިތާފުޅުގެ ދަރިކަލުންނެވެ. މި ދެންވި ބުރަކި ރަނީންނާ ގުޅޭ ގޮތުން ކިޔޭ ވާހަކައިގައި ބުނާ ގޮތުން ބުރަކިރަނީންނާ، ކަޅުމުޙައްމަދު މަނިކުފާނާ ހިތްޕުޅާވެދެއެވެ. ނަމަވެސް ކަޅު މުހައްމަދު މަނިކުފާނުގެ މަންމާފުޅު މި ދެބޭފުޅުންގެ ކައިވެންޏާ ނުގަބޫލުފުޅެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 5 ވަނަ އަލިރަސްގެފާނު، މި ކަޅުމުޙައްމަދު މަނިކުފާނު ހުވަދުއަތޮޅު ވާދުވަށް އަރުވާލެއްވިއެވެ.
ދެން އޭގެ ދުވަސްގަނޑެއް ފަހުން އެތަކެއް އާދޭހަކަށް ފަހު ބުރަކިރަނީން ވާދުވަށް ވަޑައިގަތުމުގެ އަމުރުފުޅު ރަދުން ދެއްވައިފިއެވެ. މިކަމަނާގެ އަރިހުގައި ދަނީ އެ އާއިލާގެ ދުވަސްވީ ޚާދިމެއްކަމުގައިވާ ގާފަރު ކަޅުއުނބުށޭމެވެ. ނަމަވެސް ހުވަދުއަތޮޅަށް ވަޑައިގަތުމުގެ ބަދަލުގައި، ބުރަކިރަނީން ކަޅުއުނބުށޭމު ގޮވައިގެން ވަޑައިގަންނަވަނީ އަސޭކަރައަށެވެ. އެއަށްފަހު އެތަނުން ގޯވާއަށެވެ. ގޯވާގައި ހުންނަ ޕޯޗުގީޒު ވައިސްރޯއީއަށް ދިވެހިރާއްޖޭގެ އާމްދަނީން ބައެއް ދެއްވުމަށް ވައުދުވެވަޑައިގަތުމަށްފަހު ޕޯޗުގީޒުންގެ ގުރާބެއްގައި ބުރަކިރަނީން ކަޅު އުނބުށޭމު ގޮވައިގެން މާލެ ހިއްޕަވަން ވަޑައިގެންނެވިއެވެ. ވާހަކައިގައި ބުނާ ގޮތުން ފަސްވަނަ އަލިރަސްގެފާނު އަވަހާރަވަނީ މިބުނި ޕޯޗުގީޒުންނާ ހަނގުރާމަކުރެއްވުމަށް ގަނޑުވަރުން ނުކުމެވަޑައިގަތް ނުކުމެވަޑައިގަތުމެއްގައެވެ. އަވަހާރަވީ ކަމަށް ބުނެވެނީ ރަދުންގެ ކަނޑިކޮޅު ހިފާ ހުޅުދެލީ ދޮން ޔޫސުފު ރަދުންގެ ފަހަތްޕުޅުގައި ހުރެފައި ދިން ހަމަލާއެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. މި ހުޅުދެލީ ދޮން ޔޫސުފަކީ ގާފަރު ކަޅުއުނބުށޭމުގެ ދޮންބައްޕައެވެ.
ވާހަކައިގައި ކިޔާ ގޮތުން ޕޯޗުގީޒުންގެ އެހީތެރިކަމާ އެކު ބުރަކިރަނީން ރަސްކަން ހިއްޕެވިއެވެ. އަދި ރަސްކަން ހިއްޕެވުމަށްފަހު، ވާދުވަށް އޮޑިއެއް ފޮނުއްވައިގެން ކަޅުމުޙައްމަދު މަނިކުފާނު ގެންނަވައި އެމަނިކުފާނާ ކައިވެނިބައްލަވައިގަންނަވަނީއެވެ. ދެން ކަޅުމުޙައްމަދު މަނިކުފާނު އަލުން ރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގަންނަވަނީއެވެ. އެދެކަނބަލުންގެ ދަރިކަނބަލަކީ ތާރީޚުގައި މަޝްހޫރު ކަނބާ އައިސާއެވެ. އެއީ ފަހުން ޝަހީދުންގެ ދުވަސް ނިސްބަތްކުރެވޭ އަލިރަސްގެފާނު، އާދެ ހަވަނަ އަލިރަސްގެފާނުންގެ އަނބިކަނބަލުންނެވެ.
މި ދެންނެވީ ވާހަކައިގައި ކިޔާ ގޮތެވެ. އެކަމަކު ލިޔެވިފައިވާ ތާރީޚުގައި ކަޅުމުޙައްމަދު ރަސްގެފާނު ތިންވަނަ ފަހަރަށް ރަސްކަން ހޯއްދެވި ގޮތުގެ ވާހަކަ ލިޔެފައި އޮންނަނީ ހިސާބަކަށް ތަފާތުކޮށެވެ. އޭގައި ބުނާ ގޮތުން ޚުދު ކަޅުމުޙައްމަދު މަނިކުފާނު މަލާބާރަށް ވަޑައިގެން ރަސްކަން އަލުން އަނބުރައި ހޯއްދެވުމަށްޓަކައި ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯއްދެވިއެވެ. އަދި ރަސްކަން ލިބިވަޑައިގެންފި ނަމަ ކޮންމެ އަހަރަކުވެސް އަލީރާޖާއަށް ޖިޒީއެއް ދެއްވަން އެއްބަސްވެ ވަޑައިގެންނެވިއެވެ. ދެން މި އެއްބަސްވުމުގެ ދަށުން އަލީރާޖާގެ ލަޝްކަރަކާއެކީ ދިވެހިރާއްޖެއަށް ވަޑައިގަންނަވަނިކޮށް ޕޯޗުގީޒުންގެ ނަވަކާ ދިމާވެ، އެ ޕޯޗުގީޒުންގެ މީހުން އަލީރާޖާގެ ނާ ހިފަހައްޓައިފިއެވެ. އެންމެ ފަހުން އެބައިމީހުންނަށް ވެސް ދިވެހިރާއްޖޭގެ އާމްދަނީން ބައެއް ދޭ ގޮތަށް އެއްބަސްވެގެން ދެބައިމީހުން އެކުގައި އައިސް ކަޅުމުޙައްމަދު މަނިކުފާނަށް އަލުން ރަސްކަން ހޯދައިދިނީއެވެ. ވެރިކަމަށްޓަކައި ދިވެހިރާއްޖެއަށް ޕޯޗުގީޒުންނާއި ކަންނޫރު އަލީރާޖާގެ ނުފޫޒު ވެއްދެއްވި ރަސްކަލަކީ މި ކަޅުމުޙައްމަދު ރަސްގެފާނެވެ.
ކަޅުމުޙައްމަދު ރަސްގެފާނު ޕޯޗުގީޒުންނާއި، އަލީރާޖާއަށް ޖިޒީ ދައްކަވައިގެން 17 އަހަރު ރަސްކަންކުރެއްވުމަށްފަހު 1528 ގައި އަވަހާރަވިއެވެ. އެއަށްފަހު އެރަދުންގެ ދަރިކަލުން ޝީރާޒީ ޙަސަން ރަސްގެފާނު މިގޮތަށް ޖިޒީ ދައްކަވައިގެން 21 އަހަރު ރަސްކަން ކުރެއްވުމަށްފަހު އަވަހާރަވިއެވެ. ދެން ރަސްކަމަށް ވަޑައިގަތީ ކަޅުމުޙައްމަދު ރަސްގެފާނުގެ ޢުމަރު މާފަތް ކިލަގެފާނުގެ ދަރިކަލުން މުޙައްމަދެވެ. މި ރަސްގެފާނުގެ ރަސްކަމަށް ދެ އަހަރާއި ހަތަރު މަސް ވީ ތަނާ އެ ރަދުންގެ ކޮއްކޯފުޅު ޙަސަން އެ ރަދުން ޤަތުލު ކުރެއްވުމަށްފަހު ރަސްކަން ހޯއްދެވިއެވެ.
ތާރީޚުގައި ކާފަރުވި ނުވަ ވަނަ ޙަސަން ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ރަސްކަލަކީ މި ޙަސަން ރަސްގެފާނެވެ. އެ ދުވަސްވަރުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އޭގެ ދެ އަހަރާއި ފަސް މަސް ފަހުން މި ޙަސަން ރަސްގެފާނަށް ޖެހިވަޑައިގެންނެވީ ތަޚުތު ދޫކުރައްވައި ދިވެހިރާއްޖެއިން ފިއްލަވައިގެން ވަޑައިގަންނަވާށެވެ. ވަޑައިގެންނެވީ ކޮޗިނަށެވެ. އެތަނުން ޕޯޗުގީޒުންގެ ދީން ކަމަށްވާ ކްރިސްޓިއަންދީނަށް ވަދެވަޑައިގެންނެވިއެވެ. އޭގެ ފަހުން ގޯވާއަށް ވަޑައިގެން ޕޯޗުގީޒުންގެ އަންހެން ބޭފުޅަކާ ކައިވެނިބައްލަވައިގެން އެތަނުގައި އުޅުއްވިއެވެ. އަދި ދިވެހިރާއްޖޭގެ ވެރިކަން ހޯއްދަވައި ދިވެހިރާއްޖެ ވެސް ކްރިސްޓިޔަން ކުރެއްވުމުގެ މަގްސަދުގައި ޕޯޗުގީޒުންގެ އެހީތެރިކަން ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަތީޖާއަކަށްވީ އެކި ފަހަރު މަތިން ދިވެހިރާއްޖެއަށް ހަމަލާދީ ދިވެހިރާއްޖެ އެމީހުންގެ އަތްދަށުވެ އަޅުވެތިވެގެން ދިޔުމެވެ.
ނަމަވެސް މި އަޅުވެތިވެގެން ދިޔައިރު އެކަން އެގޮތަށް ވިޔަނުދޭން އަޅުގަނޑުމެން ނުހަނު ލޯބިވާ، އެ ބަޠަލަކަށްޓަކައި ފަޚުރުވެރިވާ ޝަހީދުވި އަލިރަސްގެފާނު ނުހަނު ހިތްވަރުކުރެއްވިއެވެ. ގިނިކަންޏާ ކަހަލަ ގޮތަކަށެވެ. މިކަން ހިނގި ގޮތް ކުޑަނަމަވެސް ގޮތަކަށް ބަޔާންކޮށްލާނަމެވެ. ޙަސަން ރަސްގެފާނު ތަޚުތު ދޫކުރައްވައި ވަޑައިގެންނެވުމަށްފަހު ދެ އަހަރެއްހާ ދުވަހު ތަޚުތު ހުސްކޮށް ހުރުމަށްފަހު ތަޚުތަށް އިސްވެވަޑައިގެންނެވީ ދެވަނަ އަބޫބަކުރު ރަސްގެފާނެވެ. އެހެންނަމަވެސް އޭގެ ހަތަރު މަސް ފަހުން އެރަދުން އަވަހާރަވުމުން ދެން ރަސްކަމަށް ވަޑައިގަތީ އަލިރަސްގެފާނެވެ. އަލިރަސްގެފާނު ރަސްކަންކުރައްވާތާ ދެ މަހާއި ފޮއި ދުވަސް ވީތަނާ ގޯވާގައި ހުންނެވި ކާފަރުވި ހަސަން ރަސްގެފާނު ތިންވަނަ ފަހަރަށް ދިވެހިރާއްޖެ ހިއްޕަވާން ޕޯޗުގީޒުންގެ ލަޝްކަރެއް ފޮނުއްވިއެވެ. މި ލަޝްކަރުގެ ވެރިއަކަށް ހުރީ މަޝްހޫރު އަނދިރި އަނދިރީންނެވެ. ބުނެވޭ ގޮތުގައި މީނާއަކީ ރާއްޖޭގައި ވިހައި ބޮޑުވި ޕޯޗުގީޒުންގެ މީހެކެވެ. މި ލިޔުމުގައި އޭނާގެ ތާރީޚަކަށް ނުދާނަމެވެ.
އަނދިރި އަނދިރިން ޕޯޗުގީޒުންގެ ހަނގުރާމަމަތީ ތިން ގުރާބައިގެން އައިސް ބަނދަރުކުރީ މާލޭގެ ހުޅަނގުކޮޅުގައެވެ. އަދި ފަތިސް ގަޑީގައި އެދިމާއިން މާލެ އަރަން މަސައްކަތްކުރިއެވެ. އޭރު އަލި ރަސްގެފާނު ބޮޑުވަޒީރާއި ލަޝްކަރައިގެން އެ ސަރަހައްދަށް ވަޑައިގެންފިއެވެ. ރަދުން، އީދު މިސްކިތާ ހަމަޔަށް ވަޑައިގެންފައި ފަސްއެނބުރި ބެއްލެވިއިރު ބޮޑުވަޒީރާއި ޚައްދާމުންގެ އެކަކު މެނުވީ އިތުރު މީހަކު ފެންނާކަށް ނެތެވެ. އޭރު ގުރާބުތަކުން ކުދި އުޅަނދުތަކުގައި ޕޯޗުގީޒުންގެ މީހުން މާލެ އަރަނީއެވެ. ދެން ހިތްވަރު ދޫނުކުރައްވައި ރަދުންނާއި އަރިހުގައި ތިއްބެވި ދެބޭކަލުން ހަތިޔާރައިގެން ޕޯޗުގީޒުންގެ ލަޝްކަރާ ދިމާކުރެއްވިއެވެ. ހަނގުރާމައިގެ ތެރޭގައި ދުޝްމިނުންގެ އުންޑައެއް ގައިކޮޅަށް އަރައި އަލިރަސްގެފާނު ވެއްޓިވަޑައިގެންނެވިއެވެ. ގައުމުގެ ދިފާއުގައި ޝަހީދުވެ ވަޑައިގެންނެވިއެވެ. އަދި ހިއްވަރު ގަދަ އަނެއް ދެ ބަތަލުންވެސް ޝަހީދުވިއެވެ. ދެން ޕޯޗުގީޒުންގެ މީހުން މާލެ އަރައި ވެރިކަމުގެ މައްޗަށް ގަދަވެގެންފިއެވެ. ދެން އެއަށް ފަހު ދިވެހީންގެ ތެރެއިން ބަޔަކު ހަނގުރާމަކުރެވުނު ތަނަށް ގޮސް އަލިރަސްގެފާނާއި ބޮޑުވަޒީރާއި ޚައްދާމުގެ ހަށިކޮޅު، އެތިންކަލުން ޝަހީދުވެގެން ވެއްޓިވަޑައިގަތް ތަނުގައި ފަސްދާނު ލައިފިއެވެ. އެއީ ހިކި ދިޔައިގައި ހިކިފައި އޮންނަ ބޮޑުދިޔައިގައި ލޮނުގަނޑު އޮންނަ ތަނެކެވެ. އެހެންކަމުން މަޤްބަރާގެ ވަށައިގެން ބޮޑެތި ގާ ޖައްސައިގެން ފާރެއް ފަދައިން ވަރުގަދަކޮށް އެތަން ހެދިއެވެ. ފަހުގެ ޒަމާނެއްގައި ފާލަމަކުން ދެވޭ ގޮތަށް އެތަންކޮޅު ހިކިފަސް ތަނަކަށް ހެދީއެވެ. އޭގެ ފަހުން މާލޭގެ ހުޅަނގު ފަރާތު ފަޅު ހިއްކައި މާލޭގެ ބިން ބޮޑުކުރެވުނުއިރު އަލިރަސްގެފާނު ޒިޔާރަތް ރަށުގެ އެތެރެއަށް ވަނީއެވެ.
އަލިރަސްގެފާނު ޝަހީދުވެ ދިވެހިރާއްޖޭގެ މައްޗަށް ކާފަރުވި ހަސަން ރަސްގެފާނު ފޮނުއްވި ގޯވާގެ ޕޯޗުގީޒުން ވެރިކަންކުރަން ފެށިކަމަށް ތާރީޚު ބުނަނީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަަމަ ދުވަހެވެ.
މިލިޔުމުގައި މި ދެންނެވި ދުވަސްވަރުގެ ތާރީޚުން އަޅުގަނޑުމެންނަށް ދަސްވާ މުހިންމު ފިލާވަޅަކީ، ޤައުމުގެ އެތެރޭގެ ސިޔާސީ ހަމަޖެހުމާއި އެއްބައިވަންތަކަމުގެ މުހިންމުކަމެވެ. އެތެރޭގެ ބައިބައިވުންތަކަކީ ބޭރުގެ ބާރުތަކަށް ފުރުޞަތު ހުޅުވައިދޭ ކަމެއްކަން މި ތާރީޚުން ސާފުކޮށް ދައްކައިދެއެވެ. ނަމަވެސް، މި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހިން ދެއްކި ހިތްވަރާއި ޢަޒުމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ޕޯޗުގީޒުންގެ ނުފޫޒާ ދެކޮޅަށް ދިވެހިން ކުރި މަސައްކަތްތަކަކީ، ޤައުމީ މިނިވަންކަމާއި އިސްލާމްދީން ދެމެހެއްޓުމަށް ކުރެވުނު މުހިންމު މަސައްކަތްތަކެކެވެ.
މި މުހިންމު ދުވަހުގައި، އަޅުގަނޑުމެން ހަނދާން އާކުރަނީ ހަމައެކަނި އަލިރަސްގެފާނުގެ ޤުރުބާނީއެއް ނޫނެވެ. މިއީ، ދިވެހި ތާރީޚުގެ އެކި ދައުރުތަކުގައި ޤައުމަށްޓަކައި ފުރާނަ ދެއްވި އެންމެހައި ބަޠަލުންގެ ހަނދާން އާކުރުމުގެ ދުވަހެކެވެ. އަދި ހަމައެހެންމެ، މިއަދުގެ ޖީލުތަކަށް ޤައުމީ ލޯބި އާލާކޮށް، ވަޠަނަށްޓަކައި ޤުރުބާންވުމުގެ ރޫޙު އައު ކުރުމުގެ ފުރުޞަތެކެވެ. ޝަހީދުންގެ ދުވަހަކީ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލުގެ އަގު ވަޒަންކޮށް، އެ ނަޞްރު ހޯދައިދެއްވި ފަރާތްތަކަށް ޝުކުރުވެރިވުމުގެ ދުވަހެކެވެ. އަދި ހަމައެއާއެކު، މާޒީން ޢިބުރަތް ލިބިގަނެ، މުސްތަޤުބަލަށް ރޭވުމުގެ މުހިންމު ދުވަހެކެވެ
މި ލިޔުން ކިޔާލުމުން