ޗެންޕިއަންސް ލީގުގައި ރޭ ބެންފިކާއާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތުގައި ލަނޑު ޖަހާ ބާސެލޯނާ ޗެންޕިއަންސް ލީގުގެ ގަދަ 16 ޔަގީންކޮށްފިއެވެ.
ބެންފިކާ ގެ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގެ ދެވަނަ މިނިޓުގައި ވެންޖެލިސް ޕަވްލިޑިސް ވަނީ ބެންފިކާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ މެޗުގެ 13 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮބަޓް ލެވެންޑޯސްކީ ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ދެ ލަނޑު ކާމިޔާބުކޮށް ބެންފިކާ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މި ދެ ލަނޑު ވެސް ބެންފިކާ އަށް ޖަހައިދީ ޕަވްލިޑިސް ވަނީ ހެޓްރިކް އެއް ހަދާފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާގެ ރޮނަލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ބެންފިކާ އިން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ރަފީނިއާ ކާމިޔާބުކޮށްދިން އިރު، މެޗުގެ 78 ވަނަ މިނިޓުގައި ލެވެންޑޯސްކީ ވަނީ ލިބުނު ޕެނަލްޓީއެއް ޖަހައިދީ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ބާސެލޯނާ އަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި އެރިކް ގާސިއާ ކާމިޔާބުކޮށްދިން އިރު، އެޓީމު މޮޅުވި ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ.
ބާސެލޯނާ އާއި އެއްކޮށް ރޭ ގަދަ 16 ޔަގީން ކުރީ ޓީމުތަށް ތެރޭގައި ލިވަޕޫލާއި، އެތްލެޓިކޯ މެޑްރިޑް ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން