ރައީސްކަމުގެ މަޤާމު ފުރުއްވަމުން ދަނިކޮށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ހައްޔަރުކޮށްފި އެވެ. ދެކުނު ކޮރެއާގައި މާޝަލް ލޯ ތަންފީޒްކުރުމަށް ކުރި މަސައްކަތުން ޔޫންގެ މައްޗަށް އުފުލުނު ދައުވާތަކާއި ގުޅިގެން ރައީސް ޔޫން ސުކް ހައްޔަރު ކުރިކަން ހާމަކޮށްފައި ވަނީ މިއަދުއެވެ.
ދެކުނު ކޮރެއާގައި މި މައްސަލަ ތަހުޤީޤު ކުރަމުންދާ ޖޮއިންޓް އިންވެސްޓިގޭޝަން ހެޑްކުއާޓަރސްއިން ވަނީ ރައީސް ޔޫން ސުކް ހައްޔަރުކުރުމުގެ އަމުރު ތަންފީޒު ކޮށްފައިވާކަން މިއަދު ހާމަކޮށްފައެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ވަނީ މިއީ ރައީސްކަމުގެ މަޤާމުގައި ހުރެ ހައްޔަރުކުރެވުނު އެގައުމުގެ ފުރަތަމަ ރައީސް އެވެ.
ޔޫން ހައްޔަރުކުރުމަށްޓަކައި ތަޙުޤީޤުކުރާ ފަރާތްތަކާއި ފުލުހުން ޔޫން ދިރިއުޅޭ ގެއަށް ވަނުމަށް ކުރި މަސަކަތަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ސަރވިސްއިން ވަނީ މީގެކުރިން ހުރަސްއަޅާފަ އެވެ. މިގޮތުން ވެހިކަލްތަކުން އިމާރާތަށް ވަދެވޭ ދޮރުތައް ވަނީ ބަންދުކޮށްފައެވެ. އެހެންވެ ހައްޔަރުކުރުމަށްޓަކައި ޔޫންގެ ކޮމްޕައުންޑަށް ފުލުހުން ވަދެފައިވަނީ ސިޑިތައް ބޭނުންކޮށްގެންނެވެ.
ހައްޔަރުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު, ޔޫންއަށް ތާއީދުކުރާ ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތައް ހިމެނޭހެން އެތައްހާސް ރައްޔިތުންނެއް ވަނީ އެ ސަރަހައްދަށް އެއްވެ އަޑުއުފުލާފައެވެ. އަދި ވެރިކަންކުރާ ޕާޓީގެ މެންބަރުންނާއި ޔޫންގެ ވަކީލުން ވެސް ޔޫން ހައްޔަރުކުރުން ހުއްޓުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މީއީ ދެކުނު ކޮރެއާގެ ތަޙުޤީޤުކުރާ ފަރާތްތަކުން ޔޫން ހައްޔަރުކުރަން މަސައްކަތް ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ކުރި މަސައްކަތް ފުލުހުންނާއި އެނާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު ވަނީ ނާކާމިޔާބުވެފައެވެ. މިކަން ހިނގާފައި ވަނީ ޔޫން ދިރިއުޅުއްވާ ގެކޮޅުގައެެވެ.
މި މައްސަލަ މިހާ ހޫނުވެފައި ވަނީ ޑިސެންބަރު 3 ވަނަ ދުވަހު އޭނާ މާޝަލް ލޯ ތަންފީޒުކުރުމާއި ގުޅިގެން މަޤާމުން ދުރުކުރުމަށް މަޖިލީހުން ވޯޓްނަގާފައި ވަނިކޮށް، އޭނާ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުނުވުމުންނެވެ.
ދެކުނު ކޮރެއާގެ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީހުން މަޢުލޫމާތުދޭ ގޮތުގައި އޭނާ 48 ގަޑިއިރަށް ބަންދުގައި ބެހެއްޓިދާނެއެވެ.
ޔޫން ދެކުނު ކޮރެއާގެ ރައީސްކަމުގެ މަޤާމާއި ހަވާލުވެފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގައެވެ.
މި ލިޔުން ކިޔާލުމުން