ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ ޑިސެންބަރު މަހު ދައުލަތަށް 2.33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން ޑިސެންބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 112.75 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު %4.7 އިތުރު އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ %20.1 އިތުރު އަދަދެކެވެ.
ޑިސެންބަރު 2023 އާ އަޅާބަލާއިރު މިދިޔަ މަހުގެ އާމްދަނީ އިތުރުވެފައިވަނީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި، މިދިޔަ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5.7 އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ސަބަބުން، އެ ދައިރާއާއި ގުޅުންހުރި އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުންނެވެ.
މީގެ އިތުރުން މިދިޔަ މަހަށް އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވެފައި ވަނީ ގްރީން ޓެކުހާއި، ވާރކް ޕާރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ބިދޭސީންގެ ކޯޓާ ފީ އަދި ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާ ތަކުގެ ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. އަދި، މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ %17.5 އަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީ ކަމުގައިވެސް އެ އިދާރާއިން ހާމަކުރެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ %57.34 ނުވަތަ 1.33 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ %16.25 ނުވަތަ 378.55 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިއަން ރުފިޔާ (%5.0)، ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިއަން ރުފިޔާ (%4.7)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިއަން ރުފިޔާ (%4.1)، އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.93 މިލިއަން ރުފިޔާ (%4.0) ލިބިފައިވެއެވެ.
މި ލިޔުން ކިޔާލުމުން