ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރާ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރަން ބޭނުންވާ ފަރާތްތަކަށް އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މިގޮތުން އެމްޑީޕީން މިއަދު ވަނީ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވަގަށް ސިޔާސީ ޕާޓީއަކަށް ވައްދާފައިވާނަމަ އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ބޭނުންވާ ގާނޫނީ އެހީތެރިކަން ހޯދުމަށް 7341637 ނަންބަރު ފޯނަށް ވައިބަރ ނުވަތަ ވަޓްސްއެޕްއިން މެސެޖު ކުރުމަށް އެދިފައެވެ.
އެމްޑީޕީން ވަނީ އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާކަން މީގެ ކުރިން ހާމަކޮށްފައެވެ.
މިފަދަ ގިނަ މައްސަލަތަކެއް ތިލަވެފައިވާއިރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފައެވެ. މީގެ އިތުރުން އެމްޑީޕީން ވަނީ ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް ގޮވާލައިފައެވެ. މިގޮތުން މި މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު އަށް އެޑްރެސްކޮށް ފުލުހަށް ސިޓީއެއްވެސް ހުށަހަޅައިފައެވެ.
މި ލިޔުން ކިޔާލުމުން