ލޯކުރިމަތީގައި ގޯސްކަމެއް ހިންގާނަމަ އެކަމަށް ނޫނެކޭ ބުނަން ކެރޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް އެ މަނިކުފާނު ފަށްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ގދ. ވާދޫއަށް މިއަދު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގައި ޢިލްމުފެތުރި ފުޅާވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އަލްފަޤީޙުލް ޙާފިޡު މުޙައްމަދު ޖަމާލުއްދީނުލް މަޙްލީ ނުވަތަ "ވާދޫ ދަންނަކަލޭފާނު"ގެ ނަންފުޅުން ނަން ދެވިފައިވާ ވާދޫގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، ރަށުގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި، ރަށުގެ ރައްޔިތުން ކުރައްވަމުން ގެންދަވާ އުންމީދުތައް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، އެ ރައްޔިތުންނަށް ދެއްވާފައެވެ.
ޖަމާލުއްދީން ސްކޫލަކީ ގދ. ވާދޫއަށް ޚާއްޞަ ތަނެއް ކަމަށް ވިދާޅުވެ، ހަމަ އެފަދައިން ގދ. ވާދޫއަކީ ތަޢުލީމީ ރަށެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފަޚުރުވެރި މާޒީއެއް އޮތް "ވާދޫ ދަންނަކަލޭފާނު"ގެ ރަށަށް، ސަރުކާރުތަކުން އަހައްމިއްޔަތުކަން ދެއްވަންޖެހޭކަން ފާހަކުރައްވާފައެވެ.
ވަކިން ޚާއްޞަކޮށް، ރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަހައްމިއްޔަތުކަން ދެއްވަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ވާދޫ ޖަމާލުއްދީން ސްކޫލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ކަންކަން މިއަހަރުގެ ވީހާވެސް ކުރީކޮޅު، ޢަމަލީ ގޮތުން ފަށްޓަވައި ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ގދ. ވާދޫއަށް ދިމާވެފައިވާ ރަށުގެ މަގުތަކުގެ ދަތިކަމުގެ މައްސަލައާއި، ޞިއްޙީ ދާއިރާއަށް ބޭނުންޖެހިފައިވާ ތަރައްޤީ އަދި އިޤްތިޞާދީ ބާރުވެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ޢުމްރާނީ ތަރައްޤީއާއެކު އަޅުގަނޑުމެންގެ މުޖުތަމަޢަކީ ހެޔޮކަންކަމަށް ޢަމުރުކޮށް، ނުބައިކަންކަން ނަހީކުރާ ބައެއް ކަމުގައިވެ، ލޯކުރިމަތީގައި ގޯސްކަމެއް ހިންގާނަމަ އެކަމަށް ނޫނެކޭ ބުނަން ކެރޭ ބަޔަކަށް ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން