ގދ. ހޯނޑެއްދޫގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމު ގެ ޚިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީރައީސުލް ޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ ޑރ. އަބުދުﷲ މުއްތޮލިބު އެވެ.
ހޯނޑެއްދޫގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމު ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްްދެއްވުމަށް ފަހު ރައީސް ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވަނީ އެރަށުގައި ދިމާވާ އުދައެރުމާއި ރަށްގިރުމުގެ މަައްސަލައަށް ދާއިމީ ޙައްލެއް މިއަހަރުގެ ބަޖެޓުން ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެރަށުގެ މަގުހެދުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެއަހަރުގެ ބަޖެޓުގެ ތެރެއިން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމާ ހައުސިންގ މަޝްރޫޢުތައް ފެށުމުގެ ބަޖެޓެއްކަން ފާހަގަކުރައްވައި، ރަށްރަށުގައި ވެވަޑައިގެންފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުތައްވެސް މިއަހަރު ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ހޯނޑެއްދޫގެ ހައުސިންގ މަޝްރޫޢޫވެސް ކުރިއަށް ގެންދަވާނެކަމުގައި މިއަދު އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯނޑެއްދޫ ކައުންސިލްގެ ރައީސް ވަނީ ހޯނޑެއްދޫ އަދި މަޑަވެލި ރައްޔިތުންގެ އެންމެ ބޮޑު ބޭނުމަކީ އެރަށުގެ މަގު ހެދުންކަމަށެވެ. ކައުންސިލް ރައީސް ވެސް ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.
ފެނާއި ނަރުދަމާ ޤާއިމްކޮށްފައިވަނީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޓްރެވެނީ އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑުންނެވެ. މި މަސައްކަތަށް 4.9 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ.
ހޯނޑެއްދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާގެ 5 ޕަންޕު ސްޓޭޝަން، ސީ އައުޓް ފޯލް އަޅައި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އަޅައި، ގޭގެއަށް ކަނެކްޝަން ވަނީ ގުޅާފައެވެ. އަދި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް 2 ޓޭންކު ވަނީ ބަހައްޓާފައެވެ.
މި ލިޔުން ކިޔާލުމުން