ޖަސްޓިން ޓްރޫޑޯ ކެނެޑާގެ ބޮޑުވަޒީރުކަމާއި ލިބަރަލް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
މަޤާމުން އިސްތިއުފާ ދެއްވުމަށް ޓްރޫޑޯ ނިންމަވާފައިވަނީ ޕާޓީގެ ތެރެއިން އޭނާއަށް ބޮޑެތި ޕްރޭޝަރުތައް ކުރިމަތިވުމާއި ގުޅިގެންނެވެ. މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި އޭނާގެ މަޤުބޫލުކަން ކުޑަވެ، ކުރިއަށް އޮތް އިންތިޚާބުގައި އޭނާގެ ޕާޓީ ބަލިވާނެ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޓްރޫޑޯގެ އިސްތިއުފާ ދެއްވަން ނިންމަވާފައި މިވަނީ ކެނެޑާގެ ކުރިއަށް އޮތް އިންތިޚާބު ބޭއްވުމަށް ކައިރިވެފައި ވަނިކޮށެވެ. މި އިންތިޚާބު ވަނީ މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައެވެ.
ޓްރޫޑޯ ވަނީ އޭނާގެ މި ނިންމުން އާދީއްތަ ދުވަހުގެ ރޭ އާއިލާއާއި ހިއްސާކޮށްފައިވާކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް، ޕާޓީން އައު ލީޑަރަކު ހޮވަންދެން ބޮޑުވަޒީރުކަމުގައި އެނާ ދެމިހުންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ލިބަރަލް ޕާޓީގެ ލީޑަރުގެ މަޤާމުގައި މެދުނުކެނޑި 11 އަހަރު ހުރެ، 2015 އިން ފެށިގެން ބޮޑުވަޒީރުކަން ކޮށްފައިވާ ޓްރޫޑޯ އަށް ވަނީ ފާއިތުވި އަހަރުތަކުގައި އޭނާގެ ބައެއް ނިންމުންތާކައި ހުރެ އާންމުންގެ ހިތްހަމަނުޖެހުންތަކާއި ގިނަ ފާޑުކިއުންތައް އާމާޒުވެފައެވެ. އޮގޮތުން، ކާބޯތަކެތީގެ އަގު އުފުލުމާއި، ބޯހިޔާވަހިކަމުގެ ހާލަތު ގޯސްވުމާއި، ޓްރަމްޕްގެ އިދާރާއިން ޓެރިފް ނެގުމުގެ ބިރު އޮތުމާއި، އަދި މުހިންމު ކެބިނެޓް މިނިސްޓަރުންތައް އިސްތިއުފާދިނުން ހިމެނެއެވެ.
މިގޮތުން، ޑިސެންބަރު މަހު ބޮޑުވަޒީރުގެ ނައިބު އަދި ފައިނޭންސް މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް ކުއްލިއަކަށް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޓްރޫޑޯގެ ސަރުކާރަށް ބޮޑު ސިހުމެއް ލިބުނެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އަހަރުގެ މާލީ ބަޔާން ހުށަހަޅަން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
އެމެރިކާގެ އިންތިޚާބުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެނެޑާއިން އެމެރިކާއަށް އަންނަ ހުރިހާ އުފެއްދުންތަކުން މަދުވެގެން %25 ގެ ޓެރިފެއް ނަގާނެކަމަށާއި އަދި މި ޓެރިފްގެ އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ޓްރަމްޕް ވަނީ މީޑިއާތަކުގައި ޓްރޫޑޯއާއި ކެނެޑާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޓްރޫޑޯ ވަނީ ތިން ފަހަރަށް އިންތިޚާބުވެ ވަޑައިގެންފައެވެ. އެންމެ ފަހުން އިންތިޚާބުވެވަޑައިގެންފައި ވަނީ 2021 ގައެވެ. އޭރު އޭނާ ވެރިކަމުގައި ދެމިހުރި ނަމަވެސް، ވެރިކަން ކުރުމަށް ބޭނުންވާ މެޖޯރިޓީ ވަނީ ގެއްލިފައެވެ.
އޭގެ ފަހުން، އިދިކޮޅު ޕާޓީ، ޕޮއިލިވްރޭގެ ކޮންސަރވޭޓިވް އިން ވަނީ ޤައުމީ ޕޯލްތަކުގައި ލިބަރަލް ޕާޓީއަށްވުރެ %20 ގެ ކުރިއެރުމެއް ހޯދައިފައެވެ.
މި ލިޔުން ކިޔާލުމުން