ޖަލު ހުކުމް ތަންފީޒުކުރަމުންދާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު، ޖަލުން ގޭ ބަންދަށް ބަދަލުކުރުމަށް އެދި ހުށަހަޅާފައިވާ ލިޔުންތައް ބަލައިގަތުމަށް ކޯޓުން ނިންމައިފިއެވެ.
މެލޭޝިއާގެ އިސްތިއުނާފު ކޯޓުން ވަނީ ޖަލުގައި ހުރި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤަށް އޭނާގެ ޙުކުމް ގޭގައި ތަންފީޒުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ލިޔުން ބެލުމަށްފަހު ފުރުޞަތު ދިނުމަށް ނިންމައިފައެވެ.
ތިން މެންބަރުންގެ ބެންޗަކުން މިއަދު ނިންމާފައިވަނީ ނަޖީބުގެ އިލްތިމާސް ޤަބޫލުކޮށް، އެ އަމުރު ބޭނުންކޮށްގެން ހައި ކޯޓުގައި އޭނާގެ މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ދިނުމަށެވެ.
71 އަހަރުގެ ނަޖީބު، ޖަލަށްލާފައި ވަނީ 1 ބިލިއަން ޑޮލަރު (1 އެމްޑީބީ) ގެ ކޮރަޕްޝަން މައްސަލައަކާ ގުޅިގެންނެވެ. އޭނާ އިސްތިއުނާފު ކޮށްފައިވަނީ ޕެރޯލްގެ ދަށުން ގޭ ބަންދުގައި ހުރުމުގެ ޙައްޤު ލިބިދޭ ކަމަށް ބުނެ އެ އަމުރު ތަންފީޒުކުރުމަށް އެދި ހުށަހެޅި މައްސަލައެއް ދަށު ކޯޓުން ބާޠިލުކުރަން ނިންމި ނިންމުމާ ދެކޮޅަށެވެ.
މެލޭޝިއާގެ މަޢާފުދިނުމުގެ ބޯޑުން، އޭރު ރައީސްކަން ކުރެއްވި އަލް-ސުލްޠާން ޢަބްދުﷲ އަޙްމަދު ޝާހުގެ ރިޔާސަތުގެ ދަށުން، ފާއިތުވި އަހަރުގެ ފެބުވުރވަރީ މަހު ނަޖީބުގެ ޖަލު ޙުކުމް 12 އަހަރުން 6 އަހަރަށް ކުރުކޮށް، އޭނާގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާތައް ކުޑަކުރުމަށް އެއްބަސްވެފައެވެ. މިކަމާ ގުޅިގެން އާންމު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ހޯމަ ދުވަހު ކޯޓުން ނިންމި ނިންމުމާ ގުޅިގެން، މެލޭޝިއާގެ ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ފާއިތުވި އަހަރު ނަޖީބު ގޭ ބަންދަށް ބަދަލުކުރުމާ ގުޅޭ އެއްވެސް އެންގުމެއް ޖަލު ޑިޕާޓްމަންޓަށް ލިބިފައިނުވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން މެލޭޝިއާގެ ކުރީގެ ރަސްގެފާނުގެ ފަރާތުން އެއްވެސް މުޢާމަލާތެއް ހޯމް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް ވެސް ވަޒީރު ސައިފުއްދީން ނަސްރުއްދީން އިސްމާޢީލް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އަދި ރަސްގެފާނުގެ އަމުރެއް މި ކަމުގައި ލިބިއްޖެނަމަ ސަރުކާރުން ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޤާނޫނުއަސާސީގައިވާ ގޮތުން، މެލޭޝިއާގެ ޚާއްޞަ ރަސްކަމުގެ ނިޒާމުގެ ދަށުން ކޮންމެ ފަސް އަހަރަކުން ބަދަލުވާ ރަސްގެފާނަށް، މަޢާފުދިނުމުގެ ބޯޑުގެ ލަފާގެ މަތިން މަޢާފުދިނުމާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވެއެވެ.
މި ނިންމުމާ ގުޅިގެން، ނަޖީބު ހިތްހަމަޖެހިފައިވާ ކަމަށް އޭނާގެ ވަކީލު މުޙައްމަދު ޝަފީޢު ޢަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ.
ނަޖީބުގެ މައްޗައް ކުރެވިފައވާ ތުހުމަތުތަކަކީ، 2020 ވަނަ އަހަރު، ދައުލަތުގެ ފަންޑެއް ކަމަށްވާ 1 އެމްޑީބީ، ނަހަމަ ގޮތުގައި ބޭނުންކޮށް، ފައިސާ ޤާނޫނާ ޚިލާފަށް ބަލައިގަތުމުގެ ކުށާއި ޚިޔާނާތްތެރިވެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށެވެ.
ނަޖީބު ދަނީ 1 އެމްޑީބީއާ ގުޅުންހުރި އެހެން މައްސަލަތަކެއްގައި ވެސް ކޮރަޕްޝަނުގެ ދަޢުވާތަކެއްގެ ޝަރީޢަތާ ކުރިމަތިލަމުންނެވެ. އޭނާ އަބަދުވެސް ބުނަމުން އަންނަނީ އެއްވެސް ކުށެއް ނުކުރާ ކަމަށެވެ.
މެލޭޝިއާ އަދި އެމެރިކާގެ ތަޙުޤީޤުކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި 1 އެމްޑީބީން 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާއިރު، 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ނަޖީބާ ގުޅުންހުރި އެކައުންޓުތަކަށް ފޮނުވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން