ޙަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލިކަމަށް އިސްރާއީލުން އިއުތިރާފުވެއްޖެއެވެ.
ހަނިއްޔާ އަވަހާރަކޮށްލީ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މިދިޔަ ޖުލައިމަހުގެ 31 ގައި ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށެވެ.
އީރާނުގެ ސަރުކާރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޙަމާސްގެ އިސްވެރިޔާއާއި އޭނާގެ ބޮޑީގާޑު މަރައިލެވުނީ އުތުރު ތެހެރާނުގައި ހުރި ކުރީގެ ސިފައިންނަށް ޚާއްޞަކޮށްފައިވާ ގެއަކަށް ވަޑައިގަންނަވައިނިކޮށް ވައިގެ މަގުން ފޮނުވި މިސައިލެއް އަމާޒުވެގެންނެވެ.
މިކަމުގައި އީރާނާއި ފަލަސްޠީނުގެ އިސްވެރިން ތުހުމަތު ކޮށްފައިވަނީ އިސްރާއީލަށެވެ.
ހަނިއްޔާ އަވަހާރަކޮށްލުމުން ފަލަސްޠީނުގެ އެކި ކަންކޮޅުތަކުގައި ރުޅިވެރިކަން އުފެދުނެވެ. އަދި އީރާނުގެ ހަނގުރާމަވެރި ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ މިކަމާ ގުޅިގެން ހަރުކަށި އަދަބެއް ދޭނެ ކަމަށް ވިދާޅުމާއެކު، ސަރަޙައްދީ ފުޅާ ހަނގުރާމައަކަށް މަގުފަހިވެދާނެކަމުގެ ބިރުވެރިކަން އުފެދުނެވެ.
އަދި އިސްރާއީލުން ވަނީ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނަށް ވެސް ވަރުގަދަ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ދީފައެވެ.
ހޯމަ ދުވަހުގެރޭ އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންނަށް ޝަރަފުވެރިކަން ދިނުމަށް ބޭއްވި ޙަފުލާއެއްގައި ވާހަކަދައްކަމުން މިނިސްޓަރު ކަޓްޒް ބުނެފައިވަނީ އިސްރާއީލުން ހޫތީންގެ ހަމަލާތައް ތަހައްމަލުކޮށްފައިވާ ކަމަށާއި އަދި އިސްރާއިލަށް ބަލިކޮށްނުލެވި އެންމެ ފަހާޖެހެންދެން ތިބި އެމީހުންގެ ޖަމާޢަތަށް ވެސް ގަދަ ހަމަލާއެއް ދޭނެ ކަމަށެވެ.
ކަޓްޒް ބުނެފައިވާ ގޮތުގައި އިސްރާއީލުން ވަނީ ޙަމާސް އާއި ޙިޒްބުﷲ ހަނގުރާމައިގައި ބަލިކޮށްފައެވެ. އަދި އީރާނުގެ ދިފާޢީ ނިޒާމުތައް ކަނުކޮށް އުފެއްދުންތެރިކަމުގެ ނިޒާމުތަކަށް ގެއްލުން ދީ ހަލާކުކޮށްފައެވެ. މީގެ އިތުރުން ސީރިއާގެ ބަޝާރު އަލް އަސަދުގެ ވެރިކަން ވައްޓާލާއި ކަމަށް ވެސް ކަޓްޒް ވަނީ ބުނެފައެވެ.
ހަނިއްޔާއަށްފަހު ޙަމާސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޔަޙްޔާ ސިންވާރު އަދި ޙިޒްބުﷲ ގެ އިސްވެރިޔާ ޙަސަން ނަޞްރުﷲ އަވަހާރަކޮށްލި ކަމަށް ބުނެ އިޝާރާތް ކުރަމުން އިސްރާއީލްގެ ދިފާޢީ ވަޒީރު ބުނެފައިވަނީ ހޫތީންގެ އަސާސީ ވަސީލަތްތަކަށް ގެއްލުން ދީ، އެމީހުންގެ އިސްވެރިންގެ ބޯ ކަނޑައިލާނެ ކަމެވެ.
ހުތޫން ވަނީ ފާއިތުވި މަސްތަކުގައި އިސްރާއީލަށް ގިނަ މިސައިލް ހަމަލާތަކެއް ދީފައެވެ. މީގެތެރޭގައި މިދިޔަ ހޮނިހިރު ދުވަހު ޓެލްއަވީވަށް ދިން ހަމަލާވެސް ހިމެނެއެވެ. މި މިސައިލް ޔަފާގެ ޢާންމު ޕާކަކަށް އަމާޒުވެ 12 އަށްވުރެ ގިނަ މީހުންނަށް ކުދިކުދި އަނިޔާތައް ވަނީ ލިބިފައެވެ.
މި ލިޔުން ކިޔާލުމުން