އައި ކެއަރ އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ( އައި.ޖީ.އެމް.އެޗް ) ގެ ފަރާތުން ހައުސިން މިނިސްޓްރީ އަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައިޖީއެމްއެޗުން 100 ޑަސްބިން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި އައިކެއަރ ގެ ފަރާތުން 100 ނޮތްފަތް ހަދިޔާކޮށްފައިވާ ކަމަށެވެ.
ޑަސްބިންތަކާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.
މިނިސްޓްރީން ވަނީ މުވައްޒަފުންގެ ނަމުގައި މިކަމަށްޓަަކައި ޝުކުރު އަދާކޮށްފައެވެ.
އައިކެއަރ އޮޕްޓިކަލްގެ ފަރާތުން މި ވުޒާރާއަށް 100 ނޯޓު ފޮތް ހަދިޔާކޮށްފައިވާތީ މި ވުޒާރާގެ ނަމުގަައި އައިކެއަރ އަށް ޝުކުރު ދަންނަވަން. pic.twitter.com/xLGRPOkcNJ
— Ministry of Housing, Land and Urban Development (@MHLUDmv) December 23, 2024
މި ޑިސެމްބަރު މަހުގެ ބާރަވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގީ ހައުސިން މިނިސްޓްރީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތުގަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، ބޭނުން ނުކުރެވޭ ވަރަށް މުޅި އިމާރާތް ވަނީ އަނދައި ހުލިވެފަ އެވެ. ތިން މިނސްޓްރީގެ މަސައްކަތް ދަރުބާރުގެއަށް ބަދލުކޮށްފައިވާއިރު ގްރީން ބިލްޑިންގ ގައި ޚިދުމަތް ދެމުން އައި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހުން އައި ހިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުޅުމާލެ އަށް ބަދަލުކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އަދި ސާފުވެފައެއް ނުވެއެވެ.
ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ލިޔުން ކިޔާލުމުން