ސްކޫލު މާހައުލު ގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ތިމާވެއްޓަށް އަހުލުވެރިކުރުވާ، ތިމާވެއްޓާއި ގުޅޭ ތައުލީމު ފޯރުކޮށްދިނުމަށް 70 މުދައްރިސުން ޓީއޯޓީން ގެ ގޮތުގައި ތަމްރީންކޮށްފިއެވެ.
"އިސެސްކޯ-މޯލްޑިވްސް ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯކްޝޮޕް އޮން ކްލައިމެޓް ސްމާރޓް އެންޑް ގްރީނިންގ އެޑިޔުކޭޝަން އިން މޯލްޑިވިއަން ސްކޫލްސް" ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ޓީއޯޓީގައި ރާއްޖޭގެ އެކި ސްކޫލުތަކުން 70 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނާއި އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގުޅިގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގެ މަގުސަދަކީ ސްކޫލު މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ތިމާވެއްޓަށް އަހުލުވެރިކުރުވާ، ތިމާވެއްޓާ ގުޅޭ ތައުލީމު ފޯރުކޮށްދިނުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމެވެ.
މި ވޯކްޝޮޕްގައި ފެހި މަދަރުސާ ފްރޭމްވޯކާއި އޭގެ ދަށުން ސްކޫލުތަކުގައި ކުރިއަށްގެންދެވޭ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ބައިވެރިންނާ ވަނީ ހިއްސާކޮށްފައިވެއެވެ. އަދި އިސެސްކޯގެ ގްރީނިންގ އެޑިޔުކޭޝަން ފްރޭމްވޯކާ ގުޅޭގޮތުން އިސެސްކޯގެ އެޑިޔުކޭޝަން އެކްސްޕާޓެއް ކަމަށްވާ ވަގަސް ނާސިރު އަފްރިދީ ވަނީ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ކޭމްބްރިޖްގެ ފަރާތުން "ޕިލަރސް އޮފް ގްރީނިންގ އެޑިޔުކޭޝަން" ސެޝަނެއްގެ އިތުރުން، ސޮނެވާ ނަމޫނާ އަދި މޯލްޑިވްސް ރެސިލިއެންޓް ރީފްސްއިން ވަނީ ތިމާވެއްޓަށް އަހުލުވެރިކުރުވުމަށް އެ އެންޖީއޯތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، ގްރީނިންގ އެޑިޔުކޭޝަންއަށް މުދައްރިސުން ތަމްރީނުކުރުމަކީ ކްލާސްރޫމުގައި ދެވޭ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި ތިމާވެއްޓާގުޅޭ ވިލުންވެރިކަން އިތުރުކުރުމާއި ތިމާވެއްޓަށް އަހުލުވެރި ޖީލެއް ބިނާކުރެވިގެން ދިއުމަކީ މުހިންމު ކަމެއްކަމަށެވެ.
މިވޯކްޝޮޕްގެ ބައިވެރިން ވަނީ ސްކޫލުތަކުގައި ފެހި މަދަރުސާ ފްރޭމްވޯކް ތަންފީޒުކުރުމަށް އެކްޝަން ޕްލޭންއެއް ތައްޔާރުކޮށްފައެވެ. މިއާއެކު، ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުވި މުދައްރިސުން، އެނބުރި ސްކޫލުތަކަށް ގޮސް އެ ސްކޫލުތަކުގައި މިކަމާ ގުޅޭ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން