ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގަމުން އަންނަ އިމާރާތުގައި މިއަދު ހެނދުނު އަލިފާން ރޯވެފައިވާއިރު، އޭގެ ސަބަބުން ގެދޮރުވެރިޔާ ސްކީމާ ގުޅޭ މަޢުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލިފާން ނިއްވުމުގެ މަސައްކަތް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން މިހާރު ދަނީ ކުރަމުން ކަމަށާއި، އެ ހާދިސާގައި އެ ވުޒާރާގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، އެ ހާދިސާއާ ގުޅިގެން އެ ވުޒާރާއިން ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅެ ހުރިހާ މަޢުލޫމާތާއި ލިޔުންތަކަކީ އެ ވުޒާރާގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މަޢުލޫމާތުތަކެއް ކަމަށްވާތީ، އެ ހާދިސާގެ ސަބަބުން އެ މަޢުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ކަމާގުޅެ ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށާއި، އެކަމާ ގުޅޭ އިތުރު ތަފްޞީލް އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން