މަސްވެރިންގެ ގައުމީ ދަފުތަރާ ބެހޭ ގަވާއިދު މި ހަފުތާގައި ގެޒެޓުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކ.އަތޮޅު ގާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރެއް ހެދުމަކީ މިއީ ވަރަށް މުހިންމު މަގުސަދެއްގައި ކުރާ ކަމެއް ކަމަށާއި، އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް އެ އޮންނަ ފުރުސަތުތައް ބޭންކްތަކުން ނުލިބުމަކީ މަސްވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ވަޒީފާއެއްގެ ގޮތުގައި، އެ އާމްދަނީ ޑިކްލެއަރކޮށްގެން، އޭގެ ފައިދާ ހޯދުމުގެ ފުރުސަތެއް ނޯވޭ. އެހެންވީމާ، އަޅުގަނޑު ވައުދުވީ، ދަފުތަރެއް ގާއިމުކޮށް، އެއީ ގާނޫނީ ބާރުވެރިކަން އޮތް ދަފުތަރަކަށް ހަދައި، އޭގައި ރަޖިސްޓްރީވާ މަސްވެރިންނަށް ބޭންކްތަކުން ލޯނު ހޯދުމާއި، ފެސިލިޓީތައް ހޯދުމުގެ ފުރުސަތު ދޭން.
އެގޮތުން މި އަހަރުގެ ކުރީކޮޅުގައި މި މަސައްކަތް މިއަދާ ހަމައަށް އައިއިރު މިކަމުގައި ވަރަށް ގިނަ މަސްވެރިން ބައިވެރިވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ގަވާއިދުވެސް ހަދައި ނިމިފައިވާ ކަމަށާއި، މި ހަފްތާ ނިމުމުގެ ކުރިން، ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފުތަރާ ބެހޭ ގަވާއިދު ގެޒެޓު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު މި ދަފުތަރަށް ރެކޮގްނައިޒް ކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން ބޭންކްތަކާ ގުޅިގެން ކުރިއަށް އެބަގެންދޭ. ދަފުތަރާބެހޭ ގަވާއިދު ރަޖިސްޓްރީވީމާ، ބޭންކް އޮފް މޯލްޑިވްސްވެސް ރެޑީގައި އޮތީ. ބޭންކް އޮފް މޯލްޑިވްސްގެ އެކި ކަހަލަ ފެސިލިޓީތަކަށް މަސްވެރިންނަށް ފުރުސަތު ހުޅުވައިލަން.
ރައީސް ވިދާޅުވީ އެމްއައިބީއާ އެކީގައިވެސް މަސައްކަތް އެބަ ކުރެވޭ ކަމަށާއި، އެމްއައިބީއިންގެ ފެސިލިޓީތަކާއި، އެސްޓީއޯގެ އެކި ކަހަލަ ސްކީމްތަކުން ވެސް މަސްވެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަގުސަދަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީ ވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމެވެ.
މިކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއީ ގައުމީ ފެންވަރެއްގައި ރާއްޖޭގައި ރަސްމީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލެވޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކިޔާލުމުން