ރައްޔިތުންނަށް އަނިޔާވެރިވީމަ ދެން ހަދަން ޖެހޭނީ ހަމަ މުޙައްމަދު އަމީނަށް ހެދި ގޮތަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި ބާއްވާ ބޮޑު ޖަލްސާ އޮންނާނީ މާދަމާ ރޭ ކާނިވާ ސަރަހައްދުގަ އެވެ.
މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ މި ޖަލްސާއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެެރިއަކު ވަނީ، ކުރީގެ ރައީސް އަމީނަށް އަނިޔާކޮށް ހަވަރަށް ދިން ފަދައިން ރައީސް ޑރ.މުޢިއްޒާމެދު ކަންކުރަން ޖެހިދާނެ ކަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީ މެންބަރަކު ވާހަކަ ދެއްކި މައްސަލާގައި ސުވާލުކޮށްފައެވެ.
އެގޮތުން ފައްޔާޟް ވިދާޅުވީ އެ މީހަކު އެހެން ބުނެފައި ވަނީ ރައީސް ޑރ. މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ. އެހެން ކޮންގޮތެއް ތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފަ އޮތް ހަގީގަތް. އިނގޭތޯ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުޅުދުއްފުށީގެ ޕޯޑިއަމްގަ އެބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އަކަށް މިއަދު އެ ހުންނެވި ޑރ. މުއިއްޒަށް ނަސޭހަތެއް ގޮތުގަ. އެހެން ވިޔަ ނުދޭށޭ އެބޭފުޅަކު އެ ވިދާޅުވީ.
އެހެންކަމުން ޕޯޑިއަމެއްގައި ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައި ހުރި ކަންތައް ދިވެހިރާއްޖޭގެ ވެރިންނަށް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައްޔާޟް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚަކީ ސިޔާސީ އެހާ ކައިންޑް ޕޮލިޓިކްސްއެއް އޮތް ގައުމެއް ނޫން މީކީ. އިނގޭތޯ. އަނިޔާވެރި ބަޔަކު ވެއްޖެއްޔާ އެމީހުން އަނިޔާވެރިވާނެ. އެއީ އޮތް ހަގީގަތެއް. އެހެންވީމަ މުހައްމަދު އަމީނެއްކަމެއް އަޅުގަނޑަކަށް ނޭނގޭ. އަނދިރި އަނދިރިންނަށް ހެދިގޮތެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. ރައްޔިތުންނަށް އަނިޔާވެރި ނުވާތި. އިނގޭތޯ. އެއީ ދަންނަވަން އޮތް ވާހަކައަކީ. ރައްޔިތުންނަށް އަނިޔާވެރި ވާކަމަށްވަންޔާމު ހަމަ ދިވެހި ތާރީހުގެ ފޮތްތަކުން ދިވެހިރައްޔިތުން ކުޅޭނީ.
ގައުމު ހިންގަވަން ހުންނެވި ވެރިޔާ ރައްޔިތުންނަށް އަނިޔާވެރިވީމަ ރައްޔިތުން ކުޅޭނީ ތާރީޚުގެ ފޮތްތަކުން ކަމަށް ފައްޔާޟް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޟް ވިދާޅުވީ، ޖަލްސާ ބާއްވަން ހުރަސްއަޅަން ނުކެރޭނެ ކަމަށާއި ޖަލްސާ ބާއްވަން ހުރަސްއަޅައިފިނަމަ ޖަލްސާ މަގުމަތީގައި ބާއްވާނެ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކުރަން އުޅޭ ކަންކަމަށް ގާނޫނާ ޚިލާފަށް އެއްވެސް ބަޔަކު ހުރަސްއަޅައިފިނަމަ މަގުމައްޗަށް ނިކުންނާނެ ކަމަށެވެ.
މި މަހުގެ 6 ވަނަ ދުވަހުގެ ރޭ "ގާނޫނުއަސާސީގެ ދިފާއުގައި" ކުޅުދުއްފުށީ ސިޓީގައި އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކި އަބްދުއްރަހްމާން އިސްމާއިލް ކިޔާ މީހަކު ވަނީ ރައީސް އަމީނަށް ހެދިގޮތަށް މުއިއްޒުއަށް ހަދަން ޖެހިދާނެ ކަމަށް ބުނެފައެވެ. އެ މީހާ ބުނީ "އަމީން ކުޅުއްވީ ދުންފަތާ" ކަމަށެވެ. އަދި "ރައީސް މުއިއްޒު ކުޅުއްވަނީ ގާނޫނުއަސާސީއާ" ކަމަށެވެ. ގާނޫނު އަސާސީއާ ކުޅޭ ކަމަށްވަންޏާ ރީތި ކެއްސެއް ލިބިގެންދާނެ ކަމަށް އެމީހާ ބުނެފައި ވެއެވެ.
މި ލިޔުން ކިޔާލުމުން