މިއަހަރަކީ އެންމެ ހޫނު އަހަރު ކަމުގައި ވާނެ ކަމަށް ލަފާކުރެވޭކަމަށް ޔޫރަޕިއަން ޔޫނިއަން ގެ ސައިންޓިސްޓުން ގެ ޓީމަކުން ބުނެފިއެވެ.
2025 ގެ ކުރީކޮޅު ހަމައަށް ވެސް އާދަޔާ ޚިލާފަށް މަތީގައި ފިނިހޫނުމިން ދެމިހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސަރވިސް (ސީ3އެސް) އިން މި ހޯދުންތައް ހާމަކޮށްފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބޭއްވުނު އދ. ގެ މޫސުމާބެހޭ މަޝްވަރާތައް ނިމުނުތާ ދެ ހަފްތާ ފަހުންނެވެ.
ޖެނުއަރީ މަހުން ނޮވެމްބަރު މަހާ ހަމައަށް ލިބިފައިވާ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި 2024 އަކީ މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު އަހަރު ކަމުގައި ވާނެ ކަމަށް ސީ3އެސްގެ ރިޕޯޓްގައި ހާމަކޮށްފައިވެއެވެ. މިއީ ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން، ޞިނާޢީ އިންޤިލާބުގެ ކުރީގެ ދުވަސްވަރު ކަމުގައިވާ 1850-1900 އާ އަޅާބަލާއިރު 1.5 ޑިގްރީ ސެލްސިއަސް (2.7 ޑިގްރީ ފެރެންހައިޓް) އަށްވުރެ މަތިވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި ރެކޯޑުކުރެވިފައި ވަނީ 2023 ވަނަ އަހަރެވެ.
މި އަހަރު މީގެކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވާވަރުގެ ހިތާމަވެރި މޫސުމީ ހާދިސާތައް ހިނގާފައިވެއެވެ.
މީގެތެރޭގައި އިޓަލީއާއި ދެކުނު އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ކުރިމަތިވި ގަދަ ހަނަފަސްކަމާއި، ނޭޕާލް، ސޫދާން އަދި ޔޫރަޕުގައި ކުރިމަތިވި ފެންބޮޑުވުންތަކުގެ ކާރިސާތަކާއި، މެކްސިކޯ، މާލީ އަދި ސަޢޫދީ ޢަރަބިއްޔާގައި ހޫނުގަދަވެ، ގިނަ ބަޔަކު މަރުވުމުގެ ހާދިސާތަކާއި، އެމެރިކާއާއި ފިލިޕީންސްގައި ކުރިމަތިވި ސައިކްލޯންތައް ހިމެނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ ފޮސިލް ފިއުލް އެންދުމުގެ ސަބަބުން އުފެދޭ ކާބަން ޑައިއޮކްސައިޑް ބޭރުވުމެވެ. މި ހޯދުންތަކުން ދައްކައިދެނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އަވަސްކުރުމުގެ މުހިންމުކަމެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ތައްޔާރުވުމުގެ މުހިންމުކަން ވެސް މެއެވެ.
މި ލިޔުން ކިޔާލުމުން