ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ބްރެސްޓް ބަލިކޮށް ލީގު ތާވަލުގެ ދެވަނައަށް ބާސެލޯނާއިން ޖެހިލައިފި އެވެ.
ބާސެލޯނާއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން ނިމެންދެންވެސް މޮޅު ކުޅުމެއް ބާސެލޯނާއިން ދެއްކިއިރު، މެޗުގެ ފުރަތަމަ ގޯލު ޖަހައިދިނީ ބާސާއަށް ލިބުނު ޕެނަލްޓީއެއްގައި މެޗުގެ 10 ވަނަ މިނެޓުގައި، ޓީމުގެ 9 ނަމްބަރު ރޮބަޓް ލެވަންޑޯސްކީ އެވެ.
ދެވަނަ ލަނޑު، ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ޖެރާޑް މާޓިން ތަނަވަސްކޮށްދިން ބޯޅައަކުން މެޗުގެ 66 ވަނަ މިނެޓުގައި ޑެނި އޮލްމޯ އެވެ. އަދި ތިން ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި، 92 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެވަންޑޯސްކީ އެވެ.
މި ލަނޑާއިއެކު، ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގައި 100 ލަނޑު ހަމަކޮށްފަ އެވެ. ލެވަންޑޯސްކީ އަކީ މި މުބާރާތުގައި މި އަދަދަށް ލަނޑު ހަމަކުރި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، މި ކަން ހާސިލްކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެވެ. އަދި މިފަހަރުގެ މި މުބާރާތުގައި އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހައިދިނީ ވެސް ލެވަންޑޯސްކީ އެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދީ ބާސެލޯނާގެ ޒުވާން ޑިފެންޑަރު ޕައު ކުބާސީ އެވެ.
ފަސް މެޗުން ލިބުނު 12 ޕޮއިންޓާ އެކު، ބާސެލޯނާ މިހާރު އޮތީ ތާވަލުގެ ދެވަނައިގަ އެވެ.
މި ލިޔުން ކިޔާލުމުން