މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، ގޭންގު ކުށްތައް މަނާކުރުމާ ގުޅޭ އާ ބިލެއް އެކުލަވާލައި ކުރިއަށް އޮތް ދެ ހަފުތާތެރޭގައި އެ ބިލު ވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.
އެހެންކަމުން މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު ރިވިއުކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި، މި ސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަަކަށް ރައްޔިތުން ދޭ އެއްބާރުލުމަށް ރައީިސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން