އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ޓެކްނިކަލް ޓީމުން މާލެ އަދި ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީއެފް) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އަދި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުންތަކުގައި ޗައިނާ ސަރުކާރުން މަގުހެދުމުގެ މަޝްރޫއުއަށް ޢައްޔަންކޮށްފައިވާ މާހިރުންގެ ޓީމުވެސް ބައިވެރިވެފައިވެއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުންތަކަކީ މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކެކެވެ. މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީ 2024 ވަނަ އަހަރުގެ ނޮވެންބަރު 21 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. މި މަޝްރޫޢުގެ ދަށުން މާލެ އަދި ވިލިމާލޭގެ މަގުތަކުގެ މިހާރުގެ ހާލަތު ދެނެގަނެ، އެ މަގުތައް އަލުން ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރެވޭނެއެވެ. މީގެ އިތުރުން، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން