މައްކާގެ މިސްކިތެއްގެ ހުރުމަތް ކަނޑާލައި، މިސްކިތުގެ ތެރޭގައި ބަދުއަހުލާގީ އަމަލުތަކެއް ހިންގި މައްސަލައިގައި ކުށް ސާބިތުވި ބަންގްލަދޭޝްގެ ދެ މީހެއްގެ މައްޗަށް ސައުދީ އަރަބިއްޔާއިން މަރުގެ އަދަބު ތަންފީޒުކޮށްފިއެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) މެދުވެރިކޮށް ސައުދީގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނުގައިވާ ގޮތުން، މަރުގެ އަދަބު ދީފައިވަނީ ނަޒްރުލް އިސްލާމް އަބްދުލް ބަސީރު ނަމަކަށް ކިޔާ ފިރިހެނަކާއި ސިތީ އަޚްތަރު ނަމަކަށް ކިޔާ އަންހެނަކަށެވެ. މި ހުކުމް ތަންފީޒުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މައްކާގެ ސަރަހައްދުގައެވެ.
ދާޚިލީ ވުޒާރާއިން ބުނީ، މި ދެމީހުން ސަލާމަތީ ބާރުތަކުން ހައްޔަރުކުރީ މައްކާގެ މިސްކިތެއްގެ ތެރޭގައި އިސްލާމީ އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް، އެ މީހުން ހިންގި އަމަލުގެ ތަފުސީލެއް އަދި އެއީ ކޮން މިސްކިތެއް ކަމެއް ސައުދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ތަހުގީގުކޮށް ދައުވާ އުފުލުމަށްފަހު، ކޯޓުން އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އިސްލާމީ ޝަރީއަތުގެ ދަށުން ތައުޒީރީ އުސޫލުން މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވެއެވެ. މިފަދަ ހަރުކަށި އަދަބެއް ކަނޑައެޅީ ކުށުގެ ކުޑަބޮޑުމިނާއި، މިސްކިތުގެ ހުރުމަތް ކަނޑާލާފައިވާތީ އެކަމަށް ރިއާޔަތްކޮށް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މި ހުކުމް ތަންފީޒުކޮށްފައިވަނީ ކަމާބެހޭ ކޯޓުތަކުން ހުކުމް ދެމެހެއްޓުމަށްފަހު، ރަސްމީ އަމުރެއްގެ ދަށުން ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ. އަދި މިސްކިތްތަކުގެ ހުރުމަތް ކަނޑާލާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތުގެ ދަށުން ފިޔަވަޅު އެޅުމުގައި ސައުދީ ސަރުކާރު ދެމިއޮންނާނެ ކަމަށް ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ޖިއްދާގައި ހުންނަ ބަންގްލަދޭޝްގެ ކޮންސިއުލޭޓުން ބުނީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ސައުދީ ސަރުކާރުން އެކަން އަންގާފައިނުވާ ކަމަށެވެ. މި މައްސަލައިގެ ރަސްމީ މައުލޫމާތު ހޯދުމަށް ސައުދީގެ ހާރިޖީ ވުޒާރާއަށް ހުށަހަޅާނެ ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.






