މާލެ-ތިލަމާލެ ބުރިޖު މަޝްރޫޢުގެ %46 އަށްވުރެ ބޮޑު ބައި ނިމިފައިވާ ކަމުގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައެވެ.
މިގޮތުން އެ ޕޯސްޓުގައި ބުނެފައިވަނީ 15 އޮކްޓޫބަރު 2024ގެ ނިޔަލަށް، ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅިފައިވާ މި ބިޔަ މަޝްރޫޢުގެ ޖުމުލަ %46.58 މަސައްކަތް ނިމިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް އެ މަޝްރޫޢުގެ ނިމުނު %28.7 އާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން ބުރިޖުގެ މާލެއިން ގުޅީފަޅަށް އަޅާ ބައި 31 މާރިޗު 2026 ގެ ނިޔަލަށް ނިމޭނެއެވެ. އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބައި 30 ސެޕްޓެންބަރު 2026 ގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާއިރު، މުޅި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 30 ސެޕްޓެންބަރު 2026 ގެ ނިޔަލަށެވެ.
7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރާ މި މަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު ނިންމުމަކި ސަރުކާރުގެ އަމާޒެކެވެ.
މި ލިޔުން ކިޔާލުމުން