Thursday, October 29
ހުޅުމާލޭ ފިހާރައެއްގެ ކޭޝިއަރަށް ވަޅިން ހަމަލާދިން މީހާ 20 އަހަރަށް ޖަލަށް

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ އޯ.ސީ.ސީ ފިހާރައިގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނޭޕާލް އަންހެނެއްގެ ކަރަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް މިއާ 20 އަހަރަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ މި ހާދިސާ ހިނގާފައިވަނީ 2025 ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ މެންދުރު 12:15 އާއި 12:45 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އޯ.ސީ.ސީ ފިހާރައަށް ވަދެ، އެ ފިހާރައިގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ޗަންދްރިކާ ލިމްބޫގެ ކަރަށް ޖަހަންގިރް މިއާ ވަނީ ވަޅިއަކުން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ދީފައެވެ.

މި ހާދިސާއަށްފަހު ފިލައިގެން އުޅުނު ޖަހަންގިރް ފުލުހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އުޅެނިކޮށެވެ. އޭނާ ހޯދައި ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފުޓޭޖުތަކާއި ފުލުހުންނަށް ލިބުނު އެހެނިހެން މައުލޫމާތުތަކުގެ އަލީގައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އެ މީހާ 20 އަހަރަށް ޖަލަށްލުމަށާއި 7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށްފައެވެ.

ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އަދަބުން އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު ޙުކުމަކާއެކު 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު