އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ކޮންމެ އަހަރަކުވެސް ބާއްވާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026"، 400 އަށްވުރެ ގިނަ ބައިވެރިންނާއެކު މިއަދު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓެލްގައި ކުރިއަށްދާ މި ފޯރަމްގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގެ އެކައުންޓަންޓުންނާއި، މާލީ އަދި ވިޔަފާރި ދާއިރާގެ އިސް ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނެއެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، އެކައުންޓިންގއަކީ ހަމައެކަނި އާންމު ފައިސާ ޒިންމާދާރުކަމާއެކު ބެލެހެއްޓުމާއި ވިޔަފާރީގެ ރަނގަޅު ނިންމުންތައް ނިންމުން ނޫން ކަމަށާއި، އެއީ އިންވެސްޓަރުންގެ އިތުބާރު ހޯދައި އިޤްތިޞާދީ ހިންގުން ހަރުދަނާކޮށްދޭ މުހިންމު ބަހެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން 1.4 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދަރަނި ދެއްކުމަށް ހޭދަކޮށްފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި ދަރަނި އަދާކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރެވުނު މުއްދަތު ކަމަށެވެ. އެކަމުގެ ސަބަބުން ފިޗް ރޭޓިންގްސް އާއި މޫޑީޒުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވީ، މި ފޯރަމަކީ މިހާރު ހަމައެކަނި އެކައުންޓަންޓުން އެއްތަނަކުން ބައްދަލުވާ އާދައިގެ އެއްވުމެއް ނޫން ކަމަށާއި، މާލީ މާހިރުންނާއި، އިންވެސްޓަރުންނާއި، ރެގިއުލޭޓަރުން އަދި ތަޢުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭ ޤައުމީ ފެންވަރުގެ ފުޅާ ޕްލެޓްފޯމަކަށް ވެފައިވާ ކަމަށެވެ.
"ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއެންސް" ގެ ޝިޢާރުގެ ދަށުން ކުރިއަށްދާ މިއަހަރުގެ ފޯރަމްގައި، މާލީ ދާއިރާއާ ގުޅުންހުރި 12 މައުޟޫޢަކަށް ކީނޯޓް ސްޕީޗްތަކާއި، ޕްރެޒެންޓޭޝަންތަކާއި، ޕެނަލް ޑިސްކަޝަންތައް ބާއްވާނެއެވެ.
އޭގެ ތެރޭގައި ރާއްޖެއަށް ލިބޭ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ (އެފްޑީއައި) އަސަރާއި، ދައުލަތުގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް މެނޭޖްކުރުމާއި، ސްރީލަންކާގެ އިޤްތިޞާދީ ކާރިސާއިން ލިބުނު ފިލާވަޅުތައް ހިމެނެއެވެ. އަދި ރަސްމާލޭގައި ކުރިއަށްގެންދާ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢުގެ ކޭސް ސްޓަޑީއަކަށްވެސް ބަލައިލާނެއެވެ.
މީގެ އިތުރުން ސައިބަރ ރައްކާތެރިކަމާއި، ފިންޓެކް އަދި ޑިޖިޓަލް ޕޭމަންޓްތަކަށް ހުރި ހުރަސްތަކާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތައް (އެސްއޯއީ) ޕްރައިވެޓައިޒްކުރުމުގެ ސިޔާސަތުތަކަށްވެސް ފޯރަމްގައި އަލިއަޅުވާލާނެއެވެ.






