ހދ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި ލޯންޗު ދިޔަވާން ފެށިކަމުގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ފަތިހު 05:35 ހާއިރުއެވެ.
މަޢުލޫމާތު ލިބުމާއެކު ފަޔަރމަނުން އެ ސަރަޙައްދަށް ގޮސް، ލޯންޗު އަޑިއަށް ދިޔަނުދީ ސަލާމަތްކުރުމަށްޓަކައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރމަނުން ކުރި މަސައްކަތުން، ލޯންޗަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ ހެނދުނު 07:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެން އެޅި، ލޯންޗުގެ ސައިލެންސަރަށް ފެން ވަދެގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ހާދިސާ ހިނގި ވަގުތު ލޯންޗުގައި އެއްވެސް ފަސިންޖަރަކު ނުތިބެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.






