އާދިއްތަ, October 25
ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗު ރަސްމީކޮށް އިފުތިތާޙުކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.

ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ތަމްރީނު އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

14 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި ބައިވެރިވަނީ ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުންނެވެ. މި ދަރިވަރުން މާފިލާފުށްޓަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހެވެ.

ތަމްރީނުތައް ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަކީ، މާތް ﷲ ގެ ވާގިފުޅާއެކު ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ވެގެންދާނެ ކަމަށެވެ.

ރައީސް ވަނީ ތަމްރީނުގެ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެން، ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާއި ޢަޒުމާއެކު މަސައްކަތްކުރުމަށް ބައިވެރިންނަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެއްވާފައެވެ.

މި ތަމްރީނު ފުރިހަމަކުރުމުން ބައިވެރިންނަށް ސިވިކް އެޑިއުކޭޝަން އެންޑު ލީޑަޝިޕާއި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓަރު ސެޓްފިކެޓާއި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް އަދި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެއެވެ. އަދި ތަމްރީނު މުއްދަތުގެ ތެރޭގައި ސަރުކާރުން މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ފަހު، ފަންނީ ބައި ފުރިހަމަކުރުމަށް ތިންވަނަ ބެޗު ވަނީ ބ. ކިހާދޫއަށް ފުރައިފައެވެ. މި ޕްރޮގްރާމުގެ ދަށުން މި އަހަރު އެކަނި ވެސް 1،000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުތައް ފުރިހަމަކުރާނެ ކަމަށް ބެލެވެއެވެ.

ދިވެހި ވަޠަނީ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިޔައީ 1 އޮކްޓޫބަރު 2025 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު