ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ފިޔޯރީއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ފިޔޯރީގައި ފެންބޮޑުވެފައިވަނީ ރޭ ދަންވަރު 1:30 އިން ފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށެވެ.
ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެފައިވީ ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައި ނުވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ނަމަވެސް، މިހާތަނަށް ހަތަރު ގެއެއްގެ ފަރުނީޗަރަށާއި ހިފާގެންގުޅޭ ސާމާނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
ފެން ހިންދުމުގެ މަސައްކަތް މިހާރު ރަށު ކައުންސިލުން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ. އެގޮތުން، ރަށުގެ އެކި ހިސާބުތަކުން ކޯރުތައް ކަނޑައިގެން މޫދަށް ފެން ބޭރުވާނެ އިންތިޒާމު ހަމަޖައްސައި، ދެ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދެއެވެ.
އެންޑީއެމްއޭ އިން ބުނީ، ފިޔޯރީ ކައުންސިލާ ގުޅިގެން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު މެންދުރުފަހު 1:30 އިން ފެށިގެން ގއ. އަތޮޅާއި ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.






