ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ލީޒް އެކުއިޒިޝަން ކޯސްޓް ހިސާބުކުރާ ރޭޓުތަކަށް ހަ އަތޮޅަކަށް ޓޫރިޒަމް މިނިސްޓްރީން ލުއިތަކެއް ދީފިއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އިއުލާނުގައިވާ ގޮތުން، ދެ އަހަރު ދުވަހުގެ މުއްދަތަށް ކޮންސެޝަން ރޭޓުތަކާއެކު މި ލުއިތައް ލިބިގެންދާނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށެވެ.
މިނިސްޓްރީން ބުނީ، ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައަޅާނީ ބޭސް ރޭޓާއި، ބިމުގެ ބޮޑުމިނަށް ބަލައި ހެކްޓަރަކަށް ޖެހޭ އަދަދުގެ އިތުރުން ސައިޒް ޕްރީމިއަމް ހިމަނައިގެން ކަމަށެވެ.
އެގޮތުން ހއ، ހދ، ށ، ތ އަދި ސ. އަތޮޅުގެ ބޭސް ރޭޓަކީ 400,000 އެމެރިކާ ޑޮލަރެވެ. އަދި ބިމުގެ ކޮންމެ ހެކްޓަރަކަށް ޖެހޭނީ 35,000 ޑޮލަރެވެ. ލ. އަތޮޅުގެ ބޭސް ރޭޓަކީ 700,000 ޑޮލަރު ކަމަށްވާއިރު، ކޮންމެ ހެކްޓަރަކަށް ޖެހޭނީ 60,000 ޑޮލަރެވެ.
މި އުސޫލުގެ ދަށުން 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާނެއެވެ. ނަމަވެސް، 41 ހެކްޓަރަށްވުރެ ބޮޑެތި ބިންތަކުން ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 ޑޮލަރު ދައްކަން ޖެހޭނެއެވެ.
މީގެ އިތުރުން، ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން ކަނޑައަޅާނީ މީން ޓައިޑް ލައިނުގެ އެތެރޭގައިވާ ސަރަހައްދު ސާވޭކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި ފަޅު ހިއްކުމުގެ ހުއްދަ ދޫކުރާނީ ހިއްކާ ސަރަހައްދުގެ އެކުއިޒިޝަން އަގު ދެއްކުމުންނެވެ. އެ އަގު ހިސާބުކުރާނީ، އެ އަތޮޅަކަށް ކަނޑައެޅިފައިވާ ހެކްޓަރެއްގެ ރޭޓުން ހިއްކާ ސަރަހައްދުގެ ބޮޑުމިނަށް ބަލައި ޖެހޭ ޖުމްލަ އަގުގެ 70 އިންސައްތަ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ލުއިތައް ދީފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ސަމާލުކަން ލިބިފައިނުވާ ސަރަހައްދުތަކުގައި އިންވެސްޓްމަންޓް އިތުރުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.






