ރަސްމާލެ މަޝްރޫޢުން ކުރިއަށް އޮތް 10 އަހަރުދުވަހުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
ޖަވާބުގައިވާ ގޮތުން، ބިމުގެ ޕްރީމިއަމްގެ ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ދައްކަންޖެހޭނެއެވެ. އެއީ 10 އަހަރުދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ކަމަށާއި، އޭގެ ތެރެއިން 500 މިލިއަން ޑޮލަރު ސަރުކާރުގެ ހައުސިން މަޝްރޫޢުތަކަށް އެޑްވާންސްކޮށް ދައްކަން ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ތެރެއިން ވިއްކާ ކޮންމެ ޔުނިޓެއްގެ މާކެޓް އަގުގެ 4 އިންސައްތަ ފީގެ ގޮތުގައި ސަރުކާރަށް ލިބޭނެ ކަމަށް ޖަވާބުގައި ވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫޢުތަކާ ޚިލާފަށް، މި މަޝްރޫޢަށް އެއްވެސް އިމްޕޯޓް ޑިއުޓީއެއް މައާފު ނުކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
ބޭރު ފައިސާ ރާއްޖޭގެ އިގްތިސާދުގައި ދައުރުކުރުމަށްޓަކައި، ހުރިހާ މާލީ މުއާމަލާތެއް ހިންގާނީ ރާއްޖޭގައި ގާއިމުވެފައިވާ ބޭންކުތައް މެދުވެރިކޮށް ކަމަށާއި، ޑިވެލޮޕަރުގެ ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާނީ އެމްއެމްއޭގެ ލައިސަންސް ލިބިފައިވާ ރާއްޖޭގެ ބޭންކަކުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫޢުތަކާ ގުޅޭ އުސޫލު (ޕީއެސްއައިޕީ) ގެ ދަށުންނެވެ. މިހާތަނަށް ސޮއިކޮށްފައިވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ކަމަށާއި، އިންވެސްޓްކުރާނެ ގޮތުގެ ތަފްސީލީ ތާވަލާއި، މަޝްރޫޢު ނުނިމިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރާނީ ކުރިއަށް އޮތް މައިގަނޑު އެއްބަސްވުމުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން އެއްވެސް ތަނެއްގެ ކުލީގެ މުއްދަތު އޮޓޮމެޓިކުން އާވާނެ ގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށް ޖަވާބުގައި ވެއެވެ. ހުރިހާ ތަނެއް ކުއްޔަށް ދޭނީ ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން އަބޫދާބީގެ އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދެއްގައި 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް" މަޝްރޫޢު ތަރައްޤީކޮށް ހިންގާނީ އެ ކުންފުންޏެވެ.






