Saturday, October 17
އައިޕީސީސީގެ 65 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މައި ޖަމްޢިއްޔާ، އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ 65 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް އެންޑް އެނާރޖީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އެވެ.

ވުޒާރާއިން ބުނީ، މި ސެޝަނުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އައިޕީސީސީގެ ހަތްވަނަ އެސެސްމަންޓް ރިޕޯޓް (އޭއާރް7) އެކުލަވައިލުމުގައި ހިއްސާވާ ތިން ވޯކިން ގްރޫޕުގެ މަސައްކަތުގެ ތާވަލުތަކާއި މަސައްކަތުގެ ޕްލޭންތައް ކަނޑައެޅުމާ ގުޅޭގޮތުން ކަމަށެވެ.

މީގެ އިތުރުން، ބަޖެޓް މުރާޖާކުރުމާއި، އިދާރީ އަދި އިޖުރާއީ މުހިންމު ކަންކަމާއި، އައިޕީސީސީގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވަމުންދާ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ދެނެގަތުމަށާއި ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި ސައިންޓިފިކް ދިރާސާތަކާއި އެސެސްމަންޓްތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރެއެވެ.

އަދި ސައިންޓިފިކް މަޢުލޫމާތުތައް ކުރިއެރުވުމާއި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، ސައިންސީ ދިރާސާތަކުގެ އަލީގައި ސިޔާސަތުތައް އެކަށައެޅުމަކީ މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި ޖަޒީރާ މުޖުތަމަޢުތަކުގެ ނާޒުކުކަން ކުޑަކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ވެސް ރާއްޖެއިން ދެކެއެވެ.

ހަމައެއާއެކު، މުޅި ދުނިޔޭގެ ފެންވަރުގައި އަޅާ މޫސުމީ ފިޔަވަޅުތައް އިތުބާރު ހުރި ސައިންސީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާކަން ކަށަވަރުކުރުމަކީ ވެސް މި ބައްދަލުވުމުގައި ރާއްޖެއިން ބާރުއަޅާ މުހިންމު އަމާޒެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު