ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 94.5 މިލިއަން ރުފިޔާއަށް ގަނެފިއެވެ.
މި މުއާމަލާތަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ މުއާމަލާތެއް ކަމަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން ވަނީ ހުކުމްކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11516 ގެ ގޮތުގައި ފާހަގަކޮށްފައިވާ 25,011.43 އަކަފޫޓުގެ ބިމެކެވެ. މި ބިން ގަތުމަށް ދައުލަތުގެ ބަޖެޓުން 94,543,205.40 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މި މައްސަލައަކީ ބިމުގެ މިލްކުވެރިކަން ރަސްމީކޮށް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި، "ބިމާއި އިމާރާތް ވިއްކުމުގެ މައްސަލަ"އެއްގެ ގޮތުގައި އެޗްޑީސީގެ ފަރާތުން ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލައެކެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ބިންތައް ތަރައްގީކޮށް ބެލެހެއްޓުމުގެ ގާނޫނީ ބާރު ލިބިފައިވާ އެޗްޑީސީން އެ ބިން ފިނޭންސް މިނިސްޓްރީއަށް ވިއްކުމަށް ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އެކުލަވާލައި، މުއާމަލާތް ވަނީ ފުރިހަމަކޮށްފައެވެ.
ބިމުގެ އަގަށްވާ ފައިސާ ފިނޭންސް މިނިސްޓްރީން އެއްކޮށް އެޗްޑީސީއަށް ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް ވެސް ކޯޓު ރިކޯޑުތަކުން ދައްކައެވެ.
ހުކުމުގައި ފާހަގަކޮށްފައިވަނީ، އިސްލާމީ ޝަރީޢަތުގައި ވިޔަފާރިއެއް ފުރިހަމަވުމަށް ބޭނުންވާ މައިގަނޑު ރުކުންތައް ކަމަށްވާ ޢަޤުދުވުމާއި، އިޖާބައާއި ޤަބޫލު ފުރިހަމަވެފައިވާ ކަމަށެވެ. އަދި އެއްބަސްވި އަގު އެއްކޮށް ދައްކައި އަދާކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ހުޅުމާލޭގެ އެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތުގެ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށް ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.






