Friday, October 16
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް 9 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ 9 އަތޮޅަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް، ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:00 އަށެވެ.

ރީނދޫ ސަމާލު ނެރެފައިވާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ކ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ތ. އަތޮޅު، ދ. އަތޮޅު، ފ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅުގެ އިތުރުން ބ. އަތޮޅެވެ.

މެޓުން ބުނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން، ށ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް މެޓުން ހުދު ސަމާލެއް ވެސް ނެރެފައިވެއެވެ. އެ ސަމާލު ނެރެފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.

މެޓުން ބުނެފައިވާ ގޮތުން، ކުރިއަށް އޮތް ހަފްތާގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެއެވެ.

މެޓުން އެންމެ ފަހުން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯއިން ދައްކާ ގޮތުގައި، މުޅި ރާއްޖެ، ޚާއްޞަކޮށް މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ މަތީގައި ވިއްސާރަ ވިލާ ވަރަށް ބޯކޮށް އެބައޮތެވެ.

މި ދުވަސްކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، މެޓުން ހުދު ސަމާލުތައް ނެރެމުން ދެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގާފައިވެއެވެ.

ނަކަތަށް ބަލާއިރު، މިހާރު ކުރިއަށް މިދަނީ ހުޅަނގު މޫސުމުގެ ހިތަ ނަކަތެވެ. އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން 17 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ މި ނަކަތުގައި، އާންމުގޮތެއްގައި ވައި މަޑުވެފައި އެކި ދުވަހު އެކި ވަރަށް ވިއްސާރަކުރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު