ކ. ގުރައިދޫގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭ 20:36 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.
އޭނާއަށް ގުރައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައެވެ.
މީގެ އިތުރުން، މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މާރާމާރީއާ ގުޅިގެން ތުހުމަތުކުރެވޭ 50 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






