ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ހިފަހައްޓައިފައިވާ ތިން މަސްބޯޓުގައި ތިބި އިންޑިއާގެ މަސްވެރިން ދޫކޮށްލުމަށް، އެ މީހުންގެ އާއިލާތަކުން އިންޑިއާ ސަރުކާރުގެ އެހީއަށް އެދިއްޖެއެވެ.
އިންޑިއާގެ ނޫސް އެޖެންސީ އޭއެންއައިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިފެހެއްޓި ތިން ބޯޓު ނިސްބަތްވަނީ އެ ޤައުމުގެ ސޫތުކުޅީގެ ތާރުވައިކުލަމް އަވަށަށެވެ. ބޯޓުތަކުގައި 25 މަސްވެރިން ތިބި ކަމަށާއި، އެ މީހުން މަސްވެރިކަމަށް ފުރީ މި މަހުގެ 1 ވަނަ ދުވަހު ކަމަށް ވެސް އޭއެންއައިން ބުނެފައިވެއެވެ.
މަސްވެރިންގެ އާއިލާތަކުން ބުނީ، ވައިގަދަވެ ކަނޑު އޮއެވަރު ބާރުވުމުގެ ސަބަބުން ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީ ކަމަށެވެ. ނަމަވެސް މި މައްސަލާގައި އިންޑިއާގެ މައި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ތިން މަސްބޯޓު ހިފަހައްޓާފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯރ ގުޅިގެން އޮކްޓޫބަރު 12 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.






