މާލެ ސަރަހައްދުގައި ވަކި ގަޑިތަކެއްގައި ބޮޑެތި އުޅަނދު ނުވަތަ ހެވީ ވެހިކަލްތައް ނުދުއްވޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ، ރޯޑް ސޭފްޓީ ކައުންސިލްގެ ނިންމުންތަކާއި މަސައްކަތްތަކާ ގުޅޭ ތަފްސީލު ހިއްސާކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ގިނަ ބަޔަކު އެއް ވަގުތެއްގައި ދަތުރުކުރަން ޖެހުމުން ދިމާވާ ތޮއްޖެހުން ކުޑަކުރުމަށް އެކުލަވައިލާ މި އައު އުސޫލު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓްކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އޮފީސް އަދި ސްކޫލް ގަޑިތަކުގައި މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖު މަތިން ބޮޑެތި އުޅަނދުތައް ދަތުރުކުރުމުގެ ސަބަބުން ބޮޑެތި ކިއުތައް ހެދި، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ބޮޑުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ ވެހިކަލްތައް ގެންގުޅޭ ކުންފުނިތަކާ ވާހަކަދައްކައި، ދެފަރާތަށް ވެސް ދަތިނުވާނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް މިފަދަ ފިޔަވަޅެއް އެޅުމުން އައި އެންމެ ބޮޑު ޝަކުވާއަކީ ވިޔަފާރިކުރާ ގަޑިތަކަށް އައި ބަދަލުތަކާ ގުޅިގެން ދިމާވި ބޮޑެތި އުނދަގޫތަކެވެ. އެ ތަޖުރިބާގެ އަލީގައި މި ފަހަރު ސިޔާސަތު އެކުލަވައިލަނީ ވިޔަފާރިވެރިންނާ މަޝްވަރާކޮށްގެން ކަމަށާއި، ވޭތުވެދިޔަ ހަތަރު މަސްދުވަހު ވިޔަފާރިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެން އެއްބަސްވާ ސިޔާސަތެއް އެކުލަވައިލުމަކީ ދަތި ކަމެއް ނަމަވެސް، އަމާޒަކީ ވީހާވެސް ގިނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ. ޚާއްޞަކޮށް ގޭބިސީތަކުގައި ބޭނުންކުރާ ގޭހާއި ފެން އުފުލާ ގަޑިތަކަށް އަންނާނެ ބަދަލުތަކަށް ސަމާލުކަން ދީ، އެ ދާއިރާގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަމުން ދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ ޢާންމު ޚިދުމަތްތައް ދޭ މުހިންމު ތަންތަން ހުންނަ ސަރަހައްދުތަކުގެ މަގުތައް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ފަށާފައިވާ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ފުލުހުން މިހާރު ވެސް މަގުމަތީގައި ހަރަކާތްތެރިވަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ފިޔަވަޅުތަކަކާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދޭ ބަސްތައް ދަތުރުކުރާ މަގުތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލްތައް ހުންނަ ސަރަހައްދުތަކުގައި ދަތުރުފަތުރަށް ދަތިވާ ގޮތަށް ޤަވާޢިދާ ޚިލާފަށް ޕާކުކުރާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ލަފާދިނުމަށްޓަކައި ރޯޑް ސޭފްޓީ ކައުންސިލްގެ ނަމުގައި މިނިސްޓީރިއަލް ކޮމިޓީއެއް އެކުލަވާލާފައިވާކަން ވެސް މިނިސްޓަރު ސަޢީދު ފާހަގަކުރެއްވިއެވެ. މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމުގެ މަޤްޞަދުގައި އެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މި އަހަރުގެ ޖުލައި މަހުއެވެ.






